ވައިކަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކެއްގެ ހާލު ސީރިއަސް

ހދ. ވައިކަރަދޫގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެ އެކްސިޑެންޓްގައި ޒަހަމްވި އެކެއްގެ ހާލު ސީރިއަސް ވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި މިރޭ އިރާކޮޅ...

16 Dec 2019 | 17:53

ހދ. ވައިކަރަދޫގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެ އެކްސިޑެންޓްގައި ޒަހަމްވި އެކެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި މިރޭ އިރާކޮޅު އެކްސިޑެންޓް ހިނގީ ދެ ސައިކަލު ޖެހިގެން ކަމަށެވެ. އެކެއްގެ ބޯ ފަޅައިގެން ގޮސް ހާލު ސީރިއަސްވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.

"މި އެކްސިޑެންޓްގައި ދެވަނަ މީހާ ވައިކަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު ސީރަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވޭ އަދި އޭނާވެސް އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ގެނައުމުގެ މަސައްކަތް ފަނީ ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެކްސިޑެންޓް ވެފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކު ދުއްވި ސައިކަލަކާއި އުމުރުން 20 އަހަރުގެ ފިރިހެނަކު ދުއްވި ސައިކަލެކެވެ. ދެމީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށާއި ދެމީހުންގެ ތެރެއިން 48 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަމަށްވެސް ފުލުހުން ބުނެއެވެ.

އޮންލައިން ނޫސް ތިލަދުންގައި ކުޅުދުއްފުށީ ހޮސްޕިޓަލާ ހަވާލާދީ ބުނެފައިވާގޮތުގައި ހާލު ސީރިއަސްވި މީހާ މާލެ ފޮނުވާލުމަށް އެ ހޮސްޕިޓަލުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެމީހާގެ ސިކުނޑިއަށް ލޭ އެޅިފައިވާއިރު ހާލު ކްރިޓިކަލް ކަމަށްވެސް އެ ހޮސްޕިޓަލާ ހަވާލާދީ ތިލަދުންގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް