ސަރުކާރުން މަސައްކަތް ކުރަނީ ފުދުންތެރިކަން އިތުރުކޮށް ވިޔަފާރީގެ ވަސީލަތް ހޯދައިދީ ރަށްތައް ތަރައްގީ ކުރުމަށް: ރައީސް ސޯލިހް

މަސައްކަތް ކުރައްވަމުން ގެންދަވަނީ ފުދުންތެރިކަން އިތުރުކޮށް ވިޔަފާރީގެ ވަސީލަތް ހޯދައިދީ ރަށްތައް ތަރައްގީ ކުރެއްވުމަށް: ރައީސް ސޯލިހް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ލާމަރުކަޒީ ނިޒާމެއ...

16 Dec 2019 | 12:59

މަސައްކަތް ކުރައްވަމުން ގެންދަވަނީ ފުދުންތެރިކަން އިތުރުކޮށް ވިޔަފާރީގެ ވަސީލަތް ހޯދައިދީ ރަށްތައް ތަރައްގީ ކުރެއްވުމަށް: ރައީސް ސޯލިހް

ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ރަށްރަށުގައި ފުދުންތެރިކަން އިތުރުކޮށް ވިޔަފާރީގެ ވަޞީލަތްތައް ހޯދައިދީ ރަށްތައް ތަރައްޤީ ކުރެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކްރޮސްރޯޑް މޯލްޑިވްސްގައި ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު ދެ ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގެ ތިން ވަނަ ސެޝަންގެ ޗެއާކޮށްދެއްވައި ސެޝަން ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ބައްދަލުވުން ފެށިގެންދިޔައީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާބެހޭ ވެބްސައިޓް "އައިލްސް" އިފްތިތާޙްކުރުމާއެކުގައެވެ. މި ވެބްސައިޓް ފަރުމާކުރުމުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރާ އިސް ވެރިންނަށާއި ރައްޔިތުންނަށް، ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު އެންމެ އެކަށޭނަ ގޮތަކަށް ފޯރުކޮށްދިނުމެވެ. އައިލްސްގައި ކޮންމެ ރަށެއްގައި ހިންގޭ މަޝްރޫޢުތަކުގެ ތަފްޞީލީ މަޢުލޫމާތާއި މަޝްރޫޢުއަށް ޚަރަދު ކުރަނީ ކޮން ފަރާތަކުންކަން ދެނެގަނެވުމުގެ އިތުރުން، މަޝްރޫޢު ކުރިއަށް ގޮސްފައިވާ ހިސާބާއި، މަޝްރޫޢު އާއި ގުޅޭ އެހެނިހެން މުހިއްމު މަޢުލޫމާތު ހިމަނާފައިވެއެވެ.

އެއަށްފަހު ދެން ކުރިޔަށްދިޔައީ މުޖުތަމަޢާ ގުޅޭގޮތުން ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށަހެޅުމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވައިދެއްވި މި ޕްރެޒެންޓޭޝަނުގައި ބޮޑަށް އަލިއަޅުއްވާލެއްވީ މިފަހަރު ލިބޭ ބަޖެޓާއި، ކައުންސިލުތަކަށް ލާމަރުކަޒީ ޤާނޫނުން ލިބިދިން އިތުރުބާރުތަކާއި އެކު ރާއްޖޭގެ ރަށެއް ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީކުރާނެ ގޮތުގެ މައްޗަށެވެ.

މިއަދުގެ ފުރަތަމަ ސެޝަނެއްގެ ގޮތުގައި ކުރިޔަށްގެންދިޔައީ ރަށުގެ އިޤްތިޞާދު ކުރިއެރުވުން ނުވަތަ އުފެއްދުންތެރިކަން އިތުރުކުރުމާ ބެހޭގޮތުން ކުރިޔަށްގެންދެވުނު ސެޝަނެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ޗެއާރ ކޮށްދެއްވި މި ސެޝަންގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ތާރީޚްގެ ތެރެއިން ރާއްޖޭގައި ފުރަތަމަ ޤާނޫނު އަސާސީ ތަސްދީޤުކުރުމާ ގުޅިގެން ރަށްރަށުގެ އިޤްތިޞާދު ރަނގަޅުކުރުމަށް ފާސްކޮށްފައި ހުރި ބައެއް ޤާނޫނުތަކާއި ޤަވާޢިދުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އެތަންތަނަށް އާމްދަނީ ހޯދުމަށް އެކިއެކި މަސައްކަތްކުރާ މީހުންގެ އަތުންނާއި ތަކެތިން ޓެކްސް ނަގާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތަށް މިހާރު ސަރުކާރުންވެސް މަސައްކަތް ކުރައްވަމުންގެންދަވަނީ ރަށްރަށުގައި ފުދުންތެރިކަން އިތުރުކޮށް ވިޔަފާރީގެ ވަޞީލަތްތައް ހޯދައިދީ ރަށްތައް ތަރައްޤީކުރެއްވުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ސެޝަނުގެ ޕެނަލިސްޓުން ވަނީ މައުޟޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމުގެ އިތުރުން ކައުންސިލަރުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

ސެޝަނުގެ ދެވަނަ މައުޟޫޢު ކަމުގައިވާ ޖަޒީރާ ދިރިއުޅުމަށް މަގުފަހިކުރުމުގައި ކައުންސިލުތަކުގެ ދައުރުގެ، މި މައުޟޫޢުގެ ދަށުން ކުނި މެނޭޖުކުރުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަނާއެކު މަޝްވަރާ ކުރެވިފައިވެއެވެ. އެއަށްފަހު ދެން ކުރިޔަށްގެންގޮސްފައި ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގެ މައުޟޫޢެވެ. މި މައުޟޫޢަށް ދިފާއީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، އެޓާރނީ ޖެނެރަލް އަލްއުސްތާޛް އިބްރާހިމް ރިފްޢަތާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝައިޚް އިމްރާނު ޢަބުދުﷲއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޢަބުދުﷲ ޝަމާލް، އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ބައިވެރިވެ ވަޑައިގެންނެވި ޕެނަލްއަކުން މައުޟޫޢާއި ގުޅޭގޮތުން މަޢުލޫމާތުދެއްވައި ބައްދަލުވުމުގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް