ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ކޮމްޕީޓް ކުރުމާ ދުރަށް ދިއުމުގެ މަސައްކަތް ފަށާފައި ކަމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ކުލަ ގަތުމުން ކުލަ ލައިދިނުމުގެ ހިދުމަތް އެސްޓީއޯއިން އިއްޔެ ފަށާފައިވާއިރު އިއްޔެ ބައެއް ހެޑްލައިންސް އާ ގުޅިގެން ބައެއް ބޭފުޅުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފަވުމާއެކު މިކަމާގުޅޭގޮތުން އިތުރު މައުލޫމާތު އެރުމުގެ ގޮތުން ކުރެއްވި ޓްވީޓްތަކެއްގައެވެ.
އަމްރު ވިދާޅުވީ އެސްޓީއޯއިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ކޮމްޕީޓް ކުރުމާ ދުރަށް ދިއުމަށް މަސައްކަތް ފަށާފައި ކަމަށާއި އެގޮތުން އެލެކްޓްރޯނިކްސް ވަނީ ހުއްޓާލެވިފައި ކަމަށެވެ. އެސްޓީއޯ ސުޕްމާކެޓް ރީޓެއިލް ޝެލްފްތައްވެސް ދަނީ އެކި ފަރާތްތަކަށް ކުއްޔަށް ދެމުން ކަމަށެވެ.
"ކުއްލިއަކަށް ކުރަމުންދިޔަ ވިޔަފާރިތައް ހުއްޓާލުމުން އެތައް ބައެއްގެ ވަޒީފާ ގެއްލިގެންދާނެ، އެއީ އެއްގޮތަކަށްވެސް ސަރުކާރުގެ ސިޔާސަތެއް ނޫން" އަމްރު ވިދާޅުވެފައިވެއެވެ.
ކުލަ ގަތުމުން ކުލަ ލައިދިމުގެ ހިދުމަތާއިމެދު އަމްރު ވިދާޅުވެފައިވަނީ އެސްޓީއޯއިން ކުރިންވެސް ދިޔައީ ކުލަ ވިއްކަމުން ކަމަށާއި އެސްޓީއޯއިން ވަނީ އިއުލާނުކޮށްގެން ކުލަލާ ކުޑަ ކުންފުންޏެއް ހޯދާ ސިންގަޕޫރުން އެކްސްޕާޓުން ގެނެސް ތަމްރީނުދީފައި ކަމަށެވެ. އަދި އެސްޓީއޯއިން ކުލަ ގަތުމުން ކުޑަ ކުންފުންޏަށް ފައިސާ ލިބޭނެގޮތަށް ކުލަ ލައިދެވޭނެ އިންތިޒާމެއް ހަމަޖައްސާފައިވާއިރު މިކަމުގެ ސަބަބުން ކުލަ ލުމުގެ މަސައްކަތް ކުރަމުންދިޔަ ކުޑަ ވިޔަފާރިއަކަށް މަސައްކަތް ލިބި އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން އަމްރު ވިދާޅުވެފައިވަނީ އެސްޓީއޯއިން ބޮޑެތި ވިޔަފާރިތަކަށް އަމާޒު ކުރުމުގެ ގޮތުން ފެށޭ އަހަރު ޝިޕިންގް ލައިނެއްގެ ހިދުމަތް ފެށުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި އަދި ފުޑް ސެކިއުރިޓީ އަށް ބާރު އެޅުމުގެ ގޮތުންނާ ދަނޑުވެރިންނަށް އާމްދަނީ އިތުރު ކުރުމުގެ ގޮތުން ހައްދާ ތަކެތި ވަގުތުން ގަތުމަށާ، މިކަމަށް ތޮއްޑޫގައި މިތަކެތި ގަނެ، ކިރާ، ސާފުކޮށް، ޕެކް ކޮށް ޑިސްޓްރިބިއުޓް ކުރާނެ އެގްރިސެންޓަރ އެޅުމަށް މިހާރު ވަނީ އިއުލާނު ކުރެވިފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް