އިންފޯފިޝްގެ 43 ވަނަ ގަވަރިނިން ކައުންސިލް ބައްދަލުވުން ރާއްޖޭގައި ފަށައިފި

އިންފޯފިޝްގެ 43 ވަނަ ގަވަރނިންގ ކައުންސިލް ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ. އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިހިނގާ ޑިސ...

16 Dec 2019 | 08:28

އިންފޯފިޝްގެ 43 ވަނަ ގަވަރނިންގ ކައުންސިލް ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ.

އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިހިނގާ ޑިސެމްބަރު މަހުގެ 16 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މިބައްދަލުވުމުގައި ފިޖީގެ މިނިސްޓަރ އޮފް ފިޝަރީޒް ހިޒް އެކްސެލެންސީ ސެމީ ކޮރޮއިލަވެސައު ބައިވެރިވެވަޑައިގަންވާނެއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ 14 ޑިސެމްބަރ ވަނަ ދުވަހުއެވެ. ރާއްޖޭގައި މިބާއްވާ ގަވަރނިންގ ކައުންސިލްގެ ބައްދަލުވުމުގައި އިންފޯފިޝްގެ ހަތް މެމްބަރު ޤައުމުން ބައިވެރިވާނެއެވެ. 2019 ވަނަ އަހަރު އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ދިވެހިރާއްޖޭންނެވެ.

އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމުޢިއްޔާ (އެފް.އޭ.އޯ) ގެ އެހީތެރިކަމާއެކު ހިންގާ، ސަރަހައްދީ މެމްބަރު ޤައުމުތައް ތަމްސީލުކުރާ ޖަމުޢިއްޔާއެކެވެ. މިޖަމްއިއްޔާގައި 13 މެމްބަރު ޤައުމު އެކުލެވެއެވެ. އިންފޯފިޝްއިން އޭޝިޔާއާއި ޕެސިފިކް ޤައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗަރ ކުރިއަރުވާ ބައިނަލްއަޤްވާމީ ވިޔަފާރިފުޅާކުރުމަށް އެހީތެރިވެދީ މާރކެޓްތަކާއި ގުޅުވައިދިނުމަށް މަގު ފަހިކޮށްދެއެވެ.

މިއަހަރު ރާއްޖޭގައި މި ބާއްވާ އިންފޯފިޝްގެ ގަވަރިނިންގ ކައުންސިލްގައި އެފް.އޭ.އޯގެ މަންދޫބުންގެ އިތުރުން، އިންޓަރނެޝަނަލް ދެ އޮބްސަރވަރުން ބައިވެރިވެއެވެ.

ދުނިޔޭގައި ކަނޑުމަހުގެ މަސްވެރިކަމާގުޅޭގޮތުން ބާއްވާ އެންމެ ބޮޑު ކޮންފަރެންސް އިންތިޒާމްކުރަނީ އިންފޯފިޝްއިންނެވެ.  އިންފޯފިސް ޓޫނާ ކޮންފަރެންސް އަކީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އިންތިޒާމުކުރަމުން ގެންދާ އިވެންޓެކެވެ.  މީގެއިތުރުން އިންފޯފިޝް އިން މަސްވެރިކަމާއި އެކުއާކަލްޗަރ ގެ ބައެއް ޕްރޮޖެކްޓްތައް، އެހެން ބައެއް، އެހީ ދޭ ޖަމްއިއްޔާ ތަކާ ގުޅިގެން ހިންގަމުން ގެންދެއެވެ. އިންފޯފިޝް މެދުވެރިކޮށް މަސްވެރިކަމާއި އެކުއާކަލްޗަރގެ ވިޔަފާރި މާކެޓް ކުރުމާގުޅޭ ފަންނީ ލަފަޔާ މަޝްވަރާ، އިންފޯފިޝް މެދުވެރިކޮށް މެމްބަރު ޤައުމުތަކަށް ލިބޭނޭ ނިޒާމެއްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް