ޔޫރަޕްގެ ތިން ޤައުމަކުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުންތައް އޮތީ މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައެވެ. ސަފީރުންނާއިއެކި ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގެ ކުރިން މިއަދު އެ ތިން ބޭފުޅުން ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައިވެސް މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަތެވެ.
މިނިސްޓަރ ޝާހިދު އެންމެ ފުރަތަމަ ބައްދަލުކުރައްވާފައިވަނީ ބަލްގޭރިއާއަށް ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު އެލިއޮނޮރާ ޑިމިޓްރީ އާއެވެ. އެއަށްފަހު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވީ ޑެންމާކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ފްރެޑީ ސްވޭން އާއެވެ. އެންމެ ފަހުން މިނިސްޓަރ ބައްދަލުކުރެއްވީ އަޔަލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ބްރެންޑަން ވަރޑް އާއެވެ. ތިން ސަފީރުންނާއިއެކު ބޭއްވި ބައްދަލުވުންތަކުގައިވެސް އެޤައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ ޝާހިދާއިއެކު ބޭއްވި ބައްދަލުވުމަށްފަހު ތިން ސަފީރުން ވަނީ ވަކިވަކިން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު އާއި، ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ އިތުރުން ސެކްރެޓަރީ، މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު އާއި ބައްދަލުކުރައްވައި، މަޝްވަރާތައް ބާއްވަވާފައެވެ.
މި ތިން ސަފީރުންވެސް މަސައްކަތްކުރައްވާނީ އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ އެޤައުމުތަކުގެ އެމްބަސީތަކުގައެވެ.
މި ތިން ގައުމަށް ބަލާލާއިރު ބަލްގޭރިއާ އާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކުރީ 14 އޮގަސްޓް 1984ގައެވެ. ޑެންމާކާއެކު 08 ނޮވެމްބަރު 1982ގައެވެ. އަޔަލެންޑާއެކު 7 ޑިސެމްބަރު 1999ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް