ހެންވޭރު ގެއެއްގެ ވައިގޮޅީތެރޭގައި މަރުވެފައިއޮތް މީހަކު މިއަދު ފެނިފައިވާއިރު އެއީ ކާކުކަން މިހާރު ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ މިއަދު ހެނދުނު ހެންވޭރު ގެއެއްގެ ވައިގޮޅިއަށް ވެއްޓިފައި އޮތް މީހާ މިހާރު ވަނީ ފުލުހުންގެ މަސައްކަތުން ދެނެގަނެވިފައި ކަމަށެވެ. އޭނާއަކީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ބުނެފައިވެއެވެ.
"ފުލުހުން މިހާރު ދަނީ މައްޔިތާގެ އާއިލާއަށް ގުޅައިގެން ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރަމުން" އިޒްމިއާ ވިދާޅުވިއެވެ.
އެއީ ސީދާ ކާކުކަން ފުލުހުން ހާމަކޮށްފައިނުވާއިރު ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިޒްމިއާ ވިދާޅުވީ އަދިވެސް ބޮޑު ޗެކުކޮށް ޓެސްޓްތައް ހަދަމުންދާތީ މި ވަގުތު އެއްޗެއް ދަންނަވަން ދަތި ކަމަށެވެ. ނަމަވެސް މައުލޫމާތު ލިބޭ ވަރަކުން އަޕްޑޭޓްސް އަރުވަމުން ދާނެ ކަމަށެވެ.
މިއަދު ހެނދުނު ފުލުހުން ބުނެފައިވާގޮތުގައި ހެނދުނު 10:10 ކަންހާއިރު ހެންވޭރު ގެއެއްގެ އެއްވަނަ ފަންގިފިލާގެ ވައިގޮޅީގައި މީހަކު މަރުވެފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
ނަމަވެސް އޭނާއަކީ ކާކުކަން އޭރު ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް