ސާފް ޗެމްޕިއަންޝިޕް 2021: ފައިނަލުގައި ނޭޕާލް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ ހޯދައިފި

މިއަހަރު ރާއްޖޭގައި ވޭއްވުނު 13 ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ ހޯދައިފިއެވެ. ފައިނަލުގައި މިރޭ ނޭޕާލް ބަލިކޮށް އިންޑިއާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 0-3 ގެ...

16 Oct 2021 | 17:12

މިއަހަރު ރާއްޖޭގައި ވޭއްވުނު 13 ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ ހޯދައިފިއެވެ.

ފައިނަލުގައި މިރޭ ނޭޕާލް ބަލިކޮށް އިންޑިއާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 0-3 ގެ ނަތީޖާއިން މޮޅުވެގެންނެވެ.

މިފަހަރުގެ މި މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދި އިރު، އެޓީމު ޗެމްޕިއަންކަން މި ހޯދީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މިއީ އިންޑިއާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އަށް ވަނަ ފަހަރެވެ.

އިންޑިއާ އާއި ނޭޕާލް މިރޭގެ ފައިނަލް މެޗާއި ކުރިމަތިލީ ދެ ޓީމުގެ ހެޑް ކޯޗުން ވެސް ސަސްޕެންސަނުގައި ވަނިކޮށެވެ. އެގޮތުން އިންޑިއާގެ ކޯޗު އީގޯ ސްޓިމަކަށް ރާއްޖެ މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ފައިނަލް މެޗުގައި ސަސްޕެންޝަނުގައި ހުންނަން ޖެހުނުއިރު، ނޭޕާލްގެ ކޯޗު އަބްދުﷲ އަލްމުތައިރީ ސަސްޕެންސަނުގައި ހުންނަން ޖެހުނީ ދެ ރީނދޫ ކާޑު ހަމަވެގެންނެވެ.

ފައިނަލް މެޗުގެ ކުޅުން ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ އިންޑިއާއިންނެވެ. އެގޮތުން އެޓީމަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ވެސް މި ހާފުގައި ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ވަނީ ހިފޭގޮތް ނުވެފައެވެ. މެޗުގެ ފުރަތަމަ ހާފު ދެޓީމުން ވެސް ނިންމާލީ ލަނޑެއް ނުޖެހި އެއްވަރެއްގައި އޮވެގެންނެވެ.

ފަހުހާފަށް ކުޅެން ނިކުމެ އިންޑިއާ ވަރުގަދައަށް ކުޅުނުއިރު، އެޓީމުން ދިޔައީ ނޭޕާލުގެ ޑިފެންސަށް ބާރުބޮޑު ކޮށް ހަމަލާތައް އުފެއްދޭ ތޯ މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 49 ވަނަ މިނިޓްގައި ޕްރިތަމް ނެގި ހުރަހަކުން ޗެތުރީ ވަނީ ބޮލުން ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެން މެޗުގެ ލީޑު ނަގާފައެވެ. އެ ލަނޑު ޖެހިތާ މިނިޓެއް ވެސް ނުވަނީސް އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިގެން ސުރޭޝް ސިންގް ވަނީ އިންޑިއާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ލީޑުފުޅާކޮށްދީފަ އެވެ.

އިންޑިއާ ޓީމުން އެމީހުންގެ ތިންވަނަ ލަނޑު މެޗުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކުރިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސަހަލް އަބުދުއް ސަމަދްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް