ވަރލްޑް ޖޫނިއަރ ޓީޓީ މުބާރާތަށް ރާއްޖޭގެ ދީމާ ކޮލިފައިވެއްޖެ - މަރުޙަބާ ދީމާ

ވަރލްޑް ޖޫނިއަރ ޓޭބަލް ޓެނިސް މުބާރާތަށް ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ކޮލިފައިވެއްޖެ އެވެ. އުމުރުން 13 އަހަރުގެ ދީމާއަކީ މި މުބާރާތަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. މ...

16 Oct 2021 | 16:11

ވަރލްޑް ޖޫނިއަރ ޓޭބަލް ޓެނިސް މުބާރާތަށް ރާއްޖޭގެ ޒުވާން ޓީޓީ ތަރި ފާތިމަތު ދީމާ އަލީ ކޮލިފައިވެއްޖެ އެވެ.

އުމުރުން 13 އަހަރުގެ ދީމާއަކީ މި މުބާރާތަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.

މި މުބާރާތަށް ކޮލިފައިވެފައިވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އޭނާގެ ކާމިޔާބީ އާއި ދުނިޔޭގެ ރޭންކިންގއަށް ބެލުމަށް ފަހު އެވެ. ދީމާ އަކީ ދުނިޔޭގެ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ކެޓަގަރީގެ 24 ކުޅުންތެރިންގެ އެންޓްރީ ލިސްޓުގައި 13 ވަނަ ކުޅުންތެރިޔާ އެވެ.

ދީމާ މި ކާމިޔާބީ ހޯދާފައިވާ އިރު، މިދިޔަ އޭޕްރީލް މަހު ނެރުނު އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ ރޭންކިންގ ގެ 15 އަހަރުން ދަށުގެ ބައިން 8 ވަނައަށް ވަނީ ޖެހިލާފަ އެވެ. އޭރު ސީނިއަރ ކެޓަގަރީއަށް ބަލާއިރު 17 އަހަރުން ދަށުގެ ބައިން ދީމާ ވަނީ ދުނިޔޭގެ 41 ވަނައަށް އަރާފަ އެވެ.

އެހެންނަމަވެސް އޯގަސްޓް މަހު ނެރުނު ރޭންކިންގގައިވާ ގޮތުން ދީމާ އޮތީ 15 އަހަރުން ދަށުގެ ބައިން ދުނިޔޭގެ 11 ވަނައިގަ އެވެ. އަދި 17 އަހަރުން ދަށުގެ ބައިން ދުނިޔޭގެ 53 ވަނައިގަ އެވެ.

ދީމާ ވަނީ ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ތިން ރަން މެޑަލް ރާއްޖެއަށް ހޯދައިދީފަ އެވެ. އަދި ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވަރލްޑް ހޯޕްސް މުބާރާތަށް ވެސް ދީމާ ވަނީ ކޮލިފައިވެފަ އެވެ.

މި ފަޚުރު ރާއްޖެއަށް ދީމާ ހޯދައިދިން އިރު، އޮމާންގެ މަސްކަޓްގައި މިހާރުކުރިއަށްދާ އައިޓީޓީއެފް ޔޫތު ކޮންޓެންޑަރ މުބާރާތުގައި ވާދަކޮށް 15 އަހަރުން ދަށުގެ ބައިގެ ކުއާޓަރ ފައިނަލަށް ވެސް ދީމާ ވަނީ ދަތުރުކޮށްފަ އެވެ.

ދީމާގެ އެ ފަޚުރުވެރި ކާމިޔާބީ ފާހަގަކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ދީމާއަށް މަރުހަބާ ދަންނަވާފަ އެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދީމާގެ ކާމިޔާބީއާއެކު ރާއްޖެއަށް ބޮޑު ފަޚުރެއް ލިބިގެން ގޮސްފި ކަމަށާއި މުބާރާތުގައި ވެސް ރާއްޖޭގެ ނަމަށް ދީމާ ޝަރަފުވެރިކަން ގެނެސްދޭނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ.

https://twitter.com/ibusolih/status/1449346659217936391?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1449346659217936391%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Foneonline.mv%2F54211

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް