ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާތީ ކަނޑުދަތުރުފަތުރު ކުރުން ހުއްޓާލުމަށް އެމްއެންޑީއެފް ކޯސްްޓުގާޑާއި މޫސުމާއި ބެހޭ ގައުމީ އިދާރާއިން އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.
މިމަހުގެ 12 ވަނަ ދުވަހުން ގެށިގެން ރާއްޖެ ސަރަހައްދުގައި ލޯ ޕްރެޝާ ޓްރަފެއް އުފެދި މުޅި ރާއްޖެއަށް ވައިގަދަވެ ކަނޑުވެސް ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ. ހާއްސަކޮށް އިއްޔެއިން ފެށިގެން މުޅި ރާއްޖެއަށް އޮތީ ރީނދޫ އެލާޓު ނެރެފަ އެވެ،
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް އާންމުގޮތެއްގައި ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދު ބާރު މިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
މެޓް އޮފީހުން ބުނީ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކުގެ ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އޮތުމުން ގޮނޑުދޮށާއި ކައިރީގައި އުޅޭ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.
އެމްއެންޑީއެފް ކޯސްޓުގާޑުން ބުނީ ކޮންމެ ހެން ކުރަން ޖެހޭ ކަނޑުދަތުރެއް ނޫނީ ނުކުރުމަށް އަދިވެސް އިލްތިމާސް ކުރާ ކަމަށެވެ. އަދި ދަތުރެއް ކުރަން ޖެހޭނަމަ ސަލާމަތީގޮތުން ހުރިހާ ކަމެއް ފުރިހަމަކޮށްގެން ދަތުރަށް ނުކުތުމަށް އިލްތިމާސް ކުރެ އެވެ.
ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީން ވަނީ މޫސުން ގޯސްވެ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ސިނަމާލެ ބްރިޖު ހުރަސް ކުރާ ފަރާތްތަކުންވެސް ވައިގަދަވުމުން ސަމާލުވުމަށް އިލްތިމާސްކޮށްފަވެ އެވެ.
ކަނޑުދަތުރު ނުކުރުމަށް ދެ އިދާރާއިން އިލްތިމާސްކޮށްފައިވާއިރު މިހަދު ހަވީރު މާލެއިން ވ. ފުލިދޫއަށް ދަތުރު ކުރި ލޯންޗަކަށް ރާޅެއް ޖަހައި މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެ ކުޑަކުއްޖަކު ވަނީ ގެއްލިފަ އެވެ.
މަރުވެފައިވަނީ ގެއްލިގެން ހޯދަމުންދާ ކުއްޖާގެ މަންމަ އެވެ. އަނެއް ކުއްޖާ ވަނީ ސަލާމަތް ކުރެވިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް