ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މުވައްޒަފުން އެ ކޮމިޝަންގައި މަސައްކަތް ކުރަނީ އުފަލާއި ހިތްހަމަ ޖެހުމާއެކު ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެޗްއާރްސީއެމް އިން މިހެން ބުނެފައި މިވަނީ އެކޮމިޝަންގެ މުވައްޒަފުންނަށް ލިބިގެންވާ އިންސާނީ ހައްޤުތަކާއި ކަރާމާތް ގެއްލޭގޮތަށް ކޮމިޝަންގެ މެންބަރުން މުވައްޒަފުންނާއިމެދު އަމަލު ކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސަމާލު ކަމަށް އެ މައްސަލަ ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން މި ކަންބޮޑުވުންތަކުގެ ޚަބަރު ލިބިވަޑައިގަތުމުން އެޗްއާރްސީއެމްގެ މެންބަރުން އެ ކޮމިޝަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ކަންބޮޑުވުންތައް އޮޅުންފިލުވަން މަސައްކަތް ކުރެއްވި ކަމަށް މައުލޫމާތު ދެއްވާފައިވެއެވެ.
ކޮމިޝަނުގެ ރައީސް ކަމަށް އިންތިހާބުވެފައިވާ މަރިޔަމް މުނާ ވިދާޅުވިގޮތުގައި އެ ބައްދަލުވުމުގައި ކޮމިޝަނުގެ އެއްވެސް މައްސަލައެއް ނުވަތަ ހިތްހަމަނުޖެހުމެއް އުޅޭ ކަމަކަށް މުވައްޒަފުން ބުނެފައި ނުވާ ކަމަށާއި އަދި އެޗްއާރްސީއެމްގައި މަސައްކަތް ކުރަނީ އުފަލާ ހިތްހަމަޖެހުމާއެކު ކަމަށް މުވައްޒަފުން ބުނެފައިވެއެވެ.
ވަޒީފާގެ އެއްބަސްވުމާއި ހިލާފަށް މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާ ކަމަށް ބުނާ މައްސަލައިގައި މުނާ ވިދާޅުވެފައިވަނީ ކޮޮންމެ މުވައްޒަފަކީވެސް އިންސާނީ ހައްޤުތަކަށް ވަކާލާތުކޮށް މިފަދަ ހަރަކާތްތަކަށް ވަގުތު ދެވޭނެ އަދި ޝައުގު ވެރިކަން ހުރި ފަރާތަކަށް ވާންޖެހޭނެ ކަމުގައެވެ. މި ގޮތުން މި މަސައްކަތްތަކާއި ބައްދަލުވުންތަކުގައި އަތޮޅުތަކާއި މާލޭގައި ބައެއް ފަހަރު ގިނަވަގުތުތަކަކު އުޅެންޖެހިދާނެ ކަމަށެވެ. ނަމަވެސް މަސައްކަތުގައި ހޭދަވާ ވަގުތުތަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެ ކަމުގެ ޔަޤީން ކަން ދެއްވާފައިވެއެވެ.
މީގެ އިތުރުން ކޮމިޝަނުގެ މެންބަރުން މުވައްޒަފުންނާއި ވާހަކަ ދައްކާއިރު މުވައްޒަފުން ނިކަމެތިކޮށްލާ ކަމަށް ބުނެވޭ ބުނުން ދޮގުކޮށް ބުނެފައިވަނީ މުވައްޒަފުންގެ އިހްމާލުން ގޯސްކޮށްކަމެއް ދާނަަމަ އެކަމެއް އިސްލާހުކުރަން އެ މުވައްޒަފަކާ ވާހަަކަ ދެއްކުމަކީ ދެރަކޮށްލުން ނޫންކަމަށް މުނާ ވިދާޅުވެފައިވެއެވެ.
އިތުރަށް މައުލޫމާތުދެއްވި ގޮތުގައި މި ވޭތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭަގައި ވަޒިފާއިން ވަކި ކުރީ ތިން މުވައްޒަފުން ކަމަށާއި އިތުރު މުވައްޒަފުން ވަޒީފާއިން ވަކިވެފައިވަނީ ކޮމިޝަނުން ކުރަމުންދާ ޒާތުގެ މަސައްކަތް ކުރާ އެހެން އިދާރާތަކުން ރަނގަޅު މުސާރަ އާއި ވަޒީފާގެ ފުރުސަތުތައް ލިބުމުން ކަމަށް ހާމަ ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް