ހަނގުރާމައިގެ މައިދާނުން ގެންނަ މީހުންގެ ރިހިބިލިޓޭޝަން ޕްރޮގްރާމާއި މެދު ސިފާގެ ކަންބޮޑުވުން

ހަނގުރާމައިގެ މައިދާނުން އަނބުރާ ގެންނަ މީހުންގެ ރިހިބިލިޓޭޝަން ޕްރޮގްރާމާއިމެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު އަދި މިހާރުގެ އެމްޑީޕީ ޤައުމީ މަޖިލީހުގެ ރައީސް ސިފާ މުހައްމަދ...

16 Oct 2021 | 13:38

ހަނގުރާމައިގެ މައިދާނުން އަނބުރާ ގެންނަ މީހުންގެ ރިހިބިލިޓޭޝަން ޕްރޮގްރާމާއިމެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު އަދި މިހާރުގެ އެމްޑީޕީ ޤައުމީ މަޖިލީހުގެ ރައީސް ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިފާ މިހެން ވިދާޅުވެފައިމިވަނީ އެކަމަނާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެކަމަނާ މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގަތަރުގެ ދޯހާގައި  މިމަހުގެ ބާރައިން ސާދަ އަށް ކުރިއަށް ދިޔަ ބައިނަލްއަގްވާމީ ސަލާމަތާއިގުޅޭ ބައްދަލުވުމުގައި ހަނގުރާމައަށްދާ ދިވެހިންނާއިމެދު އަމަލު ކުރާނެ ގޮތާއިމެދު ދެއްކެވި ވާހަކަ އާއި ގުޅިގެންނެވެ.

މިގޮތުން އިމްރާން ވިދާޅުވެފައިވަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ގާތްގަނޑަކަށް 200 އެއްހާ ދިވެހިން ސީރިއާއާއި އިރާޤު ހަނގުރާމައިގައި ބައިވެރިވުމަށް ގޮސްފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން އަނބުރާ އަންނަ މީހުން މުޖުތަމައަށް ނެރުމުގެ ކުރިން އެމީހުންނަށް "ރީއިންޓަގްރޭޝަން" ޕްރޮގްރާމްތައް ހިންގުމަށްޓަކައި ބޭނުންވާނެ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރު މިހާރު ސަރުކާރުން ޤާއިމުކޮށްފައިވާކަމަށެވެ.

އެކަމާ ގުޅިގެން އެކަމަނާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ނުރައްކާތެރިކަން ބޮޑު އެކަށީގެންވާ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ހިންގޭނެކަމުގެ ޔަޤީން ކަން މި ޤައުމުގައި އަދި ނެތް ކަމުގައެވެ. އަދި މި ޕްރޮގްރާމް ކުރިޔަށް ގެންދަވަނީ މިނިސްޓަރު އިމްރާންގެ ސީދާ ބެލުމުގެ ދަށުންތޯ ސުވާލު އުފައްދާފައިވެއެވެ. އަދި އެންމެ ފުރަތަމަ ގެންނަނީ ކޮން އާއިލާ އެއްތޯވެސް ސުވާލު ކޮށްފައިވެއެވެ.

އެކި ޤައުމުތަކުގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ރާއްޖެ އެނބުރި އަންނަމީހުން ބެއިތިއްބުމަށްޓަކައި ސަރުކާރުން ޚާއްސަ ރިހިބިލިޓޭޝަން ސެންޓަރެއް ހަދާފައިވަނީ ކ. ހިންމަފުށީގައެވެ. އަދި އެ މަރުކަޒުގައި ފުރަތަމަ ފަހަރަށް މީހަކު ބަންދު ކޮށްފައިވަނީ 2020 ވަނަ އަހަރު އޮކްޓޯބަރު 15 ވަނަ ދުވަހު އެވެ. އެއީވެސް ހަނގުރާމަވެރި ސަރަހައްދެއްގައި އުޅެފައި ރާއްޖެއައި ދިވެއްސެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް