ދެމަފިރިން ދޭތެރޭ މައްސަލަ ޖެހި ކައިވެނި ރޫޅެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ އަނބިފިރިކަމުގެ ގުޅުން ހިންގުން މަދުވުން: ދިރާސާ

ކައިވެނި ކޮށްގެން އުޅޭ ދެމަފިރިން ދޭތެރޭގައި ގިނަ ފަހަރު މައްސަލަ ޖެހި ވަރިފަށަށް އަރާ ކައިވެނި ރޫޅެން ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ އެކަށީގެން ވާވަރަށް އަނބިފިރިކަމުގެ ގުޅުން ނުހިންގޭތީ ކަމަށް ދިރ...

16 Oct 2021 | 12:08

ކައިވެނި ކޮށްގެން އުޅޭ ދެމަފިރިން ދޭތެރޭގައި ގިނަ ފަހަރު މައްސަލަ ޖެހި ވަރިފަށަށް އަރާ ކައިވެނި ރޫޅެން ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ އެކަށީގެން ވާވަރަށް އަނބިފިރިކަމުގެ ގުޅުން ނުހިންގޭތީ ކަމަށް ދިރާސާއަކުން ބުނެފިއެވެ.

އާކައިވް އޮފް ސެކްސުއަލް ބިހޭވިއަރ އިން ނެރެ އާންމު ކުރި މި ދިރާސާ ރިޕޯޓުގައި ބުނެފައި ވާ ގޮތުން ދެމަފިރިންގެ މެދުގައި ގިނަ ފަހަރު މައްސަލަތައް ޖެހި ދެ މީހުން ވަރިފަށަށް އަރާ ކައިވެނި ރޫޅިގެން ދާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ދެމަފިރިންގެ މެދުގައި އެކަށީގެންވާ ވަރަށް އަނބިފިރިކަމުގެ ގުޅުން ނުހިންގޭތީ ކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ މުޖުތަމައުގައި ވަރަށް އާންމު މައްސަލައަކަށް ވެފައިވާ މައްސަލައެއް ކަމަށާއި ދުނިޔޭގެ އާބާދީގެ 60 އިން ސައްތަ މީހުންގެ ކައިވެނި ރޫޅިގެން ގޮސްފައިވަނީ މި ސަބަބާއި ހުރެ ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެއެވެ.

ދިރާސާގައި ވާ ގޮތުން މިގޮތަށް އެންމެ ގިނަ ކައިވެނި ރޫޅިފައި ހުރިކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ އެމެރިކާގައެވެ. އެގޮތުން އެމެރިކާގެ އާބާދީގެ 40 އިން ސައްތަ ކައިވެނި މިހާތަނަށް ރޫޅިފައި ވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އެފަދަ މައްސަލަ ތަކުގައި ރޫޅޭ ކައިވެނީގެ އަދަދު ފަހަކަށް އައިސް އެމެރިކާގައި މަތިވެފައިވާ ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެއެވެ.

އާންމުކޮށް މިފަދަ މައްސަލަތަކުގެ ސަބަބުން ބޮޑަށް އަސަރު ކުރަނީ ފިރިހެނުންނަށް ކަމަށާއި އެގޮތުން ފިރިހެނުން ބޭނުންވާ ވަގުތު އަނބިފިރިކަމުގެ ގުޅުން ނުހިންގޭ ނަމަ ފިރިހެނުން ސްޓްރެސް ވުމާއި ރުޅި ގަދަވުމާއި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ގެއްލުންތަލާއި ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް މި ދިރާސާގައި ބުނެފައިވެއެވެ.

3700 އަށްވުރެ ގިނަ އަންހެނުންނާއި ފިރިހެނުން ބޭނުން ކޮށްގެން ހަދާފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުން މީގެ ތެރެއިން ގިނަ ފިރިހެނުންގެ ކައިވެނި ރޫޅެން ދިމާވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ އެމީހުން ބޭނުންވާ ވަރަށް އަނބިފިރކަމުގެ ގުޅުން ނުހިންގޭތީއެވެ. އަދި މި ދިރާސާގައި ބައިވެރިވެފައިވާ ގިނަ އަންހެނުން ކިޔައިދިން ގޮތުގައި އެމީހުންގެ ކައިވެނިތައް ވެސް ރޫޅިފައިވަނީ މިފަދަ ސަބަބުތަކާއި ހުރެއެވެ. މީގެ ތެރެއިން ބައެއް އަންހެނުން ބުނެފައިވަނީ ދިރިއުޅުމުގައި މާ ބޮޑަށް ބިޒީ ވުމުގެ ސަސަބުން ފިރިމީހާ ބޭނުންވާ ވަރަށް އަނބިފިރިކަމުގެ ގުޅުން ހިންގަށް ފުރުސަތު ނުދެވެނީ ކަމަށެވެ. އެގޮތުން ފިރިމީހާ ރުޅި ގަދަވެ ވަރިކޮށްފައި ދަނީކަމަށެވެ.

އިތުރަށް މި ދިރާސާގައި ބުނެފައިވަނީ ކޮންމެ ދެމަފިރިއަކު ވެސް ހަމަ ޖެހޭ ރަނގަޅު ދިރިއުޅުމަކަށް ދެމަފިރިން އެކަމު އަނެކެއްގެ ބޭނުންތައް ބަރާބަރަށް ފުއްދައިދިނުމަކީ މުހިންމު ކަމެއް ކަމަށާއި އެގޮތުން އަނބިފިރި ކަމުގެ ގުޅުމަކީ ދެމަފިރިންގެ މެދުގައި ރަނގަޅު ގުޅުމެއް އޮތުމަށް އެންމެ މުހިންމުކަމެއް ދޭންޖެހޭ އެއްކަންތައް ކަމުގައިވެސް ދިރާސާގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް