ސިނަމާލޭ ބްރިޖުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެންޑީއެމްއޭ އިން އިލްތިމާސް ކޮށްފި

ސިނަމާލޭ ބްރިޖުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފި އެވެ. އެ އޮތޯރިޓީން މިގޮތަށް އިލްތިމާސްކޮށްފައިވަނ...

16 Oct 2021 | 11:47

ސިނަމާލޭ ބްރިޖުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެ އޮތޯރިޓީން މިގޮތަށް އިލްތިމާސްކޮށްފައިވަނީ މި ދުވަސްވަރަކީ މޫސުން ގޮސް ދުވަސްވަރަކަށް ވާތީ އެެވެ.

އެންޑީއެމްއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިދުވަސްވަރަކީ މޫސުން ގޯސްވެ ވައިބާރު ދުވަސްވަރެއް ކަމުން ސިނަމާލެ ބްރިޖް މަތިން ދަތުރުކުރާ މީހުން ސަމާލުވުމަށް އަންގާ ކަމަށެވެ.

ސިނަމާލެ ބްރިޖަކީ ހިޔާވާނެ އެއްވެސް ތަނެއް ނެތް ތަނަކަށް ވާ އިރު، ވައި ގަދަވެ ބޯކޮށް ވިއްސާރަ ވެހޭ ވަގުތުތަކުގައި ބްރިޖް މަތިން ދަތުރު ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ޚާއްސަކޮށް ސައިކަލުގައި ދަތުރުކުރާ އިރު، މިއީ ވަރަށް ދަތިތަކާ ކުރިމަތިވެ، ބައެއް ފަހަރު އެކްސިޑެންޓު ވެސް ހިނގާފައި ވެއެވެ.

މާލެ ސަރަހައްދުގައި އުޅަނދު ފަހަރު ދުއްވަން އޮންނަ ގަވާއިދުގައި ބުނާ ސްޕީޑަށް ވުރެ ބްރިޖް އަދި ހައިވޭ ގައި ދުއްވަން ބުނާ ސްޕީޑް މަތިވާ އިރު، މިފަދަ ވިއްސާރަ ދުވަސްވަރެއްގައި ސައިކަލު ފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކުން ވަރަށްބޮޑަށް ސަމާލުކަން ދޭނެޖެހެ އެވެ.

ބެލެންސް ގެއްލި، ކަހާލައިގެން ދިއުން ފަދަ ހާދިސާތައް ހިނގުމަކީ ވަރަށް ގާތް ކަމެކެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވެސް އަންނަނީ މޫސުމާ ގުޅޭ ގޮތުން ސަމާލުވުމަށް އިންޒާރު ދެމުން ނެވެ.

އެ ގޮތުން މުޅި ރާއްޖެއަށް ވަގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް