215 ކިލޯގެ ހެރޮއިންގެ މައްސަލައިގާ ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
އެމީހުންގެ ބަންދަށ ް15 ދުވަސް ޖަހާފައިވަނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިއަދު އެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އަތުލައިގެންފައިވާ 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަން ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގަ އެވެ.
ސީޕީގެ ޓްވީޓުގައި ވިދާޅުވެފައިވަނީ މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިހާއި ފޮރެންސިކް ޑިޕާޓްމަންޓާއި ރ. އަތޮޅު ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ނެވެ.
މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނާ ބެހޭ އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއްނުވެ އެވެ.
މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި އެމް.އެން.ޑީ.އެފްގެ އިތުރުން އިންޑިއާ ސަރުކާރުން ފުލުހުންގެ މުއައްސަސާއަށް ފޯރުކޮށްދިން އެހީތެރިކަން ސީޕީ ހަމީދު ވަނީ ފާހަގަކުރައްވާފަ އެވެ.
215 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ އިރު، ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިމަހުގެ 13 ވަނަ ދުވަހު ވެސް ވަނީ 100 ކިލޯގެ ހެރޮއިން އާއެކު 10 މީހުން ހައްޔަރުކޮށްފަ އެވެ.
ފަޅުރަށަކުން ހޯދާފައިވާ މިތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި 10 މީހުންގެ ތެރެއިން 2 މީހަކު ވަނީ ދޫކޮށްލާފަ އެވެ. އަދި 8 މީހެއްގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް