އިޓަލީގައި ވަޒީފާއަށް ދާން ބޭނުންނަމަ، ކޮވިޑު ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ކަމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މިގޮތަށް އަމަލުކުރަން ފަށާފައިވަނީ މި އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެގޮތުން އެގައުމުގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކީ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށާއި ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިޓަލީ ސަރުކާރުން ދޭ 'ގްރީން ޕާސް' ލިބިފައިވާ ފަރާތްތަކަށް ވާން ޖެހެއެވެ.
މި ލިޔުން ނެތް ފަރާތްތަކަށް ވަޒީފާއަށް ނުކުތުން މަނާ ވާއިރު، އެ ފަރާތްތަކަށް ގޭގައި ތިބްނެ ޖެހޭނީ މުސާރަ ނުލިބޭ ގޮތަށެވެ. އަދި މި އުސޫލަށް އަމަލުނުކޮށް ނުވަތަ ދެކޮޅު ހަދާ ފަރާތްތައް 1740 ޑޮލަރުގެ ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
މިގޮތަށް އަމަލުކުރަން ނިންމާ، މިހާ ހަރުކަށި އުސޫލުތަކެއް ކަނޑައަޅަން ނިންމީ ވެކްސިން ޖެހުމުގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދިނުމުގެ ގޮތުން ނެވެ.
އިޓަލީގެ ސަރުކާރުން ކޮވިޑް ވެކްސިނަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގާ ހަރަކާތްތަކަށް ޢާންމުންގެ ގިނަބައެެއްގެ ތަރުހީބު ލިބުނުނަމަވެސް ބައެއް ސަރަހައްދުތަކުގައި އަންނަނީ ވެކްސިނާ ދެކޮޅު ހަރަކާތްތައް ހިންގަމުން ނެވެ.
އެގައުމުގައި ކޮވިޑު ވެކްސިންގެ ތަފާސް ހިސާބަށް ބަލާ އިރު، 12 އަހަރުން މަތީގެ އާބާދީގެ 80.8 އިންސައްތަ މީހުން މިހައިތަނަށް ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފަ އެވެ. އަދި ވެކްސިންގެ އެއްޑޯޒު ފުރިހަމަކުރި އިންސައްތައަކީ 85 އެވެ.
އިޓަލީއަކީ ޔޫރަޕްގެ ޤައުމުތަކުގެތެރެއިން ވެކްސިން ޖެހުމަށް ބާރު އަޅާ މިފަދަ ހަރުކަށި ފިޔަވަޅެއް އެޅި ފުރަތަމަ ޤައުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް