މިހާރު ރާއްޖޭގައި ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގެ ކުޅުން ނިމި މުބާރާތުގެ ފައިނަލަށް ދާ ދެޓީމު ކަށަވަރުވެފައިވާއިރު، މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާ ދެޓީމަކީ މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ރާއްޖެ ބަލިކޮށް ފައިނަލުން ޖާގަ ހޯދި އިންޑިއާ އަދި ބަންގްލަދޭޝް ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދި ނޭޕާލެވެ.
އިންޑިއާ އަދި ނޭޕާލް މުބާރާތުގެ ފައިނަލް ކުޅޭއިރު، މިއީ މި ދެޓީމު މި މުބާރާތުގެ ތާރީޚުގައި ފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި މިހާތަނަށް ފައިނަލު ކުޅެފައި ނުވާ ނޭޕާލް އަލަށް ފައިނަލުން ޖާގަ ހޯދި އިރު، މިރޭގެ މެޗުގައި ނޭޕާލާއި ދެކޮޅަށް ނުކުންނަ އިންޑިއާ އަކީ މި މުބާރާތުގެ ފައިނަލުގައި މީގެ ކުރިން އެގާރަ ފަހަރު ކުޅެފައިވާ ޓީމެކެވެ. އެގޮތުން އިންޑިއާ ވަނީ މީގެ ކުރިން މި މުބާރާތުގެ ތަށި ހަތް ފަހަރު ހޯދާފައެވެ.
އިންޑިއާ
އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރު ކަމުގައި ބެލެވިފައިވާ ގައުމެވެ. 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުރަތަމަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ވާދަކުރަމުން އަންނަ އިންޑިއާއަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ގައުމުވެެސް މެއެވެ.
މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތެއްގައި ވާދަކޮށްފައިވާއިރު އެގައުމުން ވަނީ މި މުބާރާތުގެ ތަށި ހަތް ފަހަރު ހޯދާފައެވެ.
ފީފާ ރޭންކިންގެ 107 ވަމާގައި މިވަގުތު އޮތް އިންޑިއާ ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އެގައުމުން ވަނީ އެންމެ މުބާރާތެއް ފިޔަވާ ދެ ކުޅުނު ހުރިހާ މުބާރާތެއްގައިވެސް އެއް ކޮޅުން ފައިނަލުގައި ކުޅެފައެވެ. އެގައުމަށް ފައިނަލުގައި ވާދަ ނުކުރެވުނީ 2003 ވަނަ އަހަރު ބަންގަލަދޭސްގައި ބޭއްވުނު މުބާރާތުގައި އެކަންޏެވެ. އެ ފަހަރުގެ މުބާރާތުން އެގައުމު ކެޓީ ސެމީފައިނަލުގައި ބަނގްލަދޭސްއާއި ވާދަކޮށް ޕެނަލްޓީގައި 1-2 ގެ ނަތީޖާއިންނެވެ. މިހާތަނަށް އިންޑިއާއިން ސާފްޗެމްޕިއަންޝިޕް މުބާރާތުގެ 11 ފައިނަލެއް ކުޅެފައިވާއިރު، އެގައުމުން ވަނީ ހަތް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި މުބާރާތް އެންމެ ގިނައިން ބާއްވާފައިވަނީ ވެސް އިންޑިއާގައެވެ. އިންޑިއާގައި މި މުބާރާތް ތިންފަހަރު ބާއްވާފައިވެއެވެ.
އިންޑިއާ މުބާރާތުގެ ފައިނަލަށް ދަތުރު ކުރުން
މިފަހަރުގެ މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކުރީ ގުރޫޕް ސްޓޭޖުހައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، ދެމެޗުން އެއްވަރުވެގެން ޖުމުލަ އަށް ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
އިންޑިއާ ގުރޫޕް ސްޓޭޖުގައި ފުރަތަމަ ބަންގްލަދޭޝްއާ އާއި ދެކޮލަށް ކުޅުނު މެޗުން 1-1 ގެނަތީޖާއިން ވަނީ އެއްވަރުވެފައެވެ. ދެވަނަ މެޗުގައި ލަންކާއާއި ވާދަކޮށް ވެސް 0-0 ގެ ނަތީޖާއިން ވީއެއްވަރެވެ. ގުރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުން އިންޑިއާ މޮޅުވިއިރު، މި މެޗުން އިންޑިއާ މޮޅުވީ ނޭޕާލާއި ވާދަކޮށް 0-1 ގެ ނަތީޖާއިންނެވެ. މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކުރީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ އާއި ދެކޮޅަށް ކުޅުނު މެޗު 1-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ.
ގުރޫޕް ސްޓޭޖުގައި އިންޑިއާ ނެރުނު ނަތީޖާތައް
އިންޑިއާ – ބަންގްލަދޭޝް (1-1)
އިންޑިއާ – ސްރީލަންކާ (0-0)
އިންޑިއާ – ނޭޕާލް (1-0)
އިންޑިއާ - ދިވެހިރާއްޖެ (3-1)
ޖެހި ގޯލުގެ އަދަދު – 05
ބައިކޮޅަށް ވަތް ގޯލުގެ އަދަދު – 02
ފައިދާ ގޯލުގެ އަދަދު – 03
ލިބިފައިވާ ޖުމުލަ ޕޮއިންޓްގެ އަދަދު -08
ގުރޫޕުގެ މަޤާމު – 01 ވަނަ
ނޭޕާލް
ނޭޕާލަކީ ސާފް ސަރަހައްދުގައި ފުޓްބޯޅައިގެ މާ ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ގައުމެއް ނޫނެވެ. ނަމަވެސް ނޭޕާލަކީ 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ބައިވެރިވަމުން އަންނަ ގައުމެކެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނޭޕާލް މިހާނަތަށް ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު މި މުބާރާތުގައި އެ ގައުމު ނެރެފައިވާ ނަތީޖާތައް ގޯހެކޭ ދެންނެވޭކަށް ނެތެވެ. އެގޮތުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕުގެ ހަތަރު މުބާރާތެއްގެ ސެމީފައިނަލަށް ނޭޕާލް ވަނީ ދަތުރުކޮށްފަ އެވެ.
ނެޕާލް ސެމީއަށް ދަތަުރުކޮށްފައިވަނީ 1995 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގައާއި 1999 ވަނަ އަހަރާއި 2011 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2013 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތާއި އަދި އެންމެ ފަހުން 2018 ވަނަ އަހަރު ބަނގްލަދޭސްގައި ބޭއްވުނު މުބާރާތުގައެވެ. އެންމެ ފަހުން ބޭއްވުނު މުބާރާތުގެ ސެމީއިން ނޭޕާލް ބަލިވެ މުބާރާތުން ކެޓީ ރާއްޖެއާއި ދެކޮޅަށް ކުޅެ 0-3 ގެ ނަތީޖާ އިން ބަލިވެގެންނެވެ. މި މުބާރާތުގެ ސެމީއިން ނޭޕާލް ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ އެޓީމު ހިމެނޭ ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ނޭޕާލަށް މިހާތަނަށް އަދި މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މިފަހަރުގެ މުބާރާތައް ތައްޔާރުވުމަށް ނޭޕާލުން ވަނީ އަވަށްޓެރި އިންޑިއާއާއި ދެކޮޅަށް ދެ މެޗެއް ކުޅެފައެވެ. އެއް މެޗުން 1-1 އިން އެއްވަރުވެފައިވާއިރު، ދެވަނަ މެޗުން 1-2 އިން ނޭޕާލް ވަނީ އިންޑިއާ އަތުން ބަލިވެފައެވެ.
ނޭޕާލް މުބާރާތުގެ ފައިނަލަށް ދަތުރު ކުރުން
މުބާރާތުގެ ފައިނަލަށް ނޭޕާލް ދަތުރު ކޮށްފައިވާއިރު، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ނޭޕާކް ދަތުރުކުރީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެގެން ޖުމުލަ ހަތް ޕޮއިންޓް ހޯދައިގެން ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ނޭޕާލް ގުރޫޕް ސްޓޭޖުގައި ހަތަރު މެޗެއް ކުޅުނުއިރު، އޭގެތެރެއިން ދެ މެޗުން ވަނީ މޮޅުވެފައެވެ. އެއް މެޗުން އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. އެއީ އިންޑިއާއާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. އިންޑިއާއާއި ދެކޮޅަށް ކުޅުނު މެޗުން ނޭޕާލް ބަލިވީ 0-1 ގެ ނަތީޖާއިންނެވެ. މޮޅުވި ދެމެޗަށް ބަލާއިރު، ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗުން ނޭޕާލް 0-1 ގެ ނަތީޖާއިން މޮޅުވެފައިވާއިރު، ލަންކާއާއި ދެކޮޅަށް ކުޅުނު މެޗުން އެޓީމު މޮޅުވީ 2-3 ގެ ނަތީޖާއިންނެވެ. ނޭޕާލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު އެންމެ ފަހު މެޗުގައި ބަންގްލަދޭޝްއާއި ވާދަކޮށް 1-1 ގެ ނަތީޖާއިން އެއްވަރުކޮށްގެންނެވެ.
ގުރޫޕް ސްޓޭޖުގައި ނޭޕާލް ނެރުނު ނަތީޖާތައް
ނޭޕާލް – ދިވެހިރާއްޖެ – (1-0)
ނޭޕާލް – ސްރީލަންކާ – (3-2)
ނޭޕާލް – އިންޑިއާ – (0-1)
ނޭޕާލް – ބަންގްލަދޭޝް – (1-1)
ޖެހި ގޯލުގެ އަދަދު – 05 ގޯލު
ބައިކޮޅަށް ވަތް ގޯލުގެ އަދަދު – 04
ފައިދާ ގޯލުގެ އަދަދު – 01
ލިބިފައިވާ ޖުމުލަ ޕޮއިންޓްގެ އަދަދު -07
ގުރޫޕުގެ މަޤާމު – 02 ވަނަ
އިންޑިއާ އާއި ނޭޕާލްގެ ތާރީޚީ ކުރިމަތިލުންތައް
އިންޑިއާ އާއި ނޭޕާލް މީގެ ކުރިން އެކި މުބާރްތަކުގައި ޖުމުލަ 22 ފަހަރު ވާދަކޮށްފައިވެއެވެ. އޭގެ ތެރެއިން 15 މެޗުން އިންޑިއާ މޮޅުވެފައިވާއިރު، ނޭޕާލް މޮޅުވެފައިވަނީ ދެ މެޗުންނެވެ. ފަސް މެޗު އެއްވަރުވެފައިވެއެވެ.
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި އިންޑިއާ އަދި ނޭޕާލް މީގެ ކުރިން ހަތް ފަހަރު ބައްދަލުކޮށްފައިވެއެވެ. މި ދެޓީމު ބައްދަލުކުރި ހަތް މެޗަކީވެސް މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ހަތް މެޗެވެ. މީގެ ތެރެއިން ހަ މެޗުން އިންޑިއާ މޮޅުވެފައިވާއިރު، ނޭޕާލް މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައެވެ. މި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އިންޑިއާއެވެ. މިރޭގެ ފައިނަލު މެޗަކީ މި ދެޓީމު މިފަހަރުގެ މުބާރާތުގެ ދެވަނަ ކުރިމަތި ލުމެވެ.
އިންޑިއާ އަދި ނޭޕާލް ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ މިރޭ ރާއްޖޜ ގަޑިން 8:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް