އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން ތައްޔާރުކޮށްފައިވާ ދަނޑުވެރިންނަށް ޚާއްސަ އަތްމަތީ ފޮތް "ދަނޑުވެރިޔާ" ރައީސުލްޖުމްހޫރިއްޔާ ނެރެދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް މިފޮތް ނެރެދެއްވީ މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދިމާކޮށް ތ. ކަނޑޫދޫގައި ކުރިއަށްދިޔަ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން ނެވެ.
އެގްރޯނެޓުން ހާމަކުރި ގޮތުގައި، ދަނޑުވެރިޔާ މި ފޮތުގައި އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގެ ދަށުން ހައްދާ 17 ބާވަތާއި ގުޅޭ މައުލޫމާތު ހިމަނާފައި ހުންނާނެ އެވެ. އެގޮތުން އެ ބާވަތްތައް ހައްދާނެ ގޮތްތައް މި ފޮތުގައި ކިޔާދީފައި ހުންނާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ ގައި ބައިވެރިވެފައިވާ ހުރިހައި ދަނޑުވެރިންނަށް ވެސް މި ފޮތް ހިލޭ ލިބޭނެކަމަށް އެ ކުންފުނިން ބުނެ އެވެ.
އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގެ ދަށުން މިހާރު 700 އަށްވުރެ ގިނަ ދަނޑުވެރިންނާއެކު ވަނީ ސޮއިކޮށްފަ އެވެ. އަދި 500 އަށްވުރެ ގިނަ ދަނޑުވެރިންނާއިއެކު އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ.
އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް