ބޮޑުބޭބޭފުޅު، އިދިކޮޅު ކޯލިޝަންގެ ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ ދެކޮޅަށް ކުރެއްވި މަސައްކަތްތަކާމެދު އެއްވެސް ވަރަކަށް ދެރަނުވާ ކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓުް (އެމްއާރުއެމް)ގެ އިންތިޚާބީ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ފާރިސް ވިދާޅުވީ، ޔާމީނާ ދެކޮޅަށް މަސައްކަތް ކުރެވުނީތީ ދެރަނުވި ނަމަވެސް، އެކަމުގެ ސަބަބުން އާއިލާއަށް ލިބުނު ނިކަމެތިކަމާމެދު ދެރަވާ ކަމަށެވެ. އަދި އޭރު ކުރެއްވި މަސައްކަތްތަކަކީ ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް ކުރެއްވި މަސައްކަތްތަކެއްގެ ގޮތުގައި ގިނަ ބަޔަކަށް ސިފަވި ނަމަވެސް އެއީ ރައްޔިތުންގެ ހައްގުގައި ކުރެއްވި މަސައްކަތްތަކެއް ކަމަށް ފާރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތްތައް ފެއްޓެވީ މަޖިލީހުން ރާއްޖޭގެ ގަވާއިދުތަކާއި ރައްޔިތުންގެ އުންމީދުތަކާ ހިލާފަށް ކަންކަން ކުރަން ފެށުމުން ކަމަށެވެ. އަދި އެ ކަންކަން ރަނގަޅު ކުރުމަށް މަޖިލީހުގެ ރައީސްގެ އަރިހުންވެސް އެތައް ފަހަރެއްގެ މަތިން އެދުމުންވެސް އެކަންކަން އިސްލާހު ނުވުމުން މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގި ކަމަށާއި އެ މަސައްކަތް ކުރެއްވީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ އެކުގައި ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ވިދާޅުވީ، އެ އިސްލާހުގެ މަސައްކަތްތައް އޭރު ނުކުރެވުން ނަމަ މިހާރު ހާލަތު އަދި މާގޯސްވާނެ ކަމަށެވެ. އަދި ހުރިހާ ކަމެއް މިހާރު އިސްލާހު ވެއްޖެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އޭރު ގައުމު ދިޔަ މިސްރާބަށް އިތުރު ތިން އަހަރު ދަތުރު ކުރިނަމަ، ގައުމު މިއަދު އޮންނާނީ މާނިކަމެތި ހާލަތެއްގައި ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް