ބިން އިސްރާފުކުރުން މަދުކުރަން ޖެހޭ ކަމަށް ޑރ، ހުސައިން ވިދާޅުވެއްޖެ

ދަނޑުވެރިކަންކުރުމަށް ބޭނުންވާ ބިމަށް އޮތް ޑިމާންޑް އިތުރުވަމުންދާއިރު ޒަމާނީ ވަޞީލަތްތައް ބޭނުންކޮށް، ބިން އިސްރާފުކުރުން ކުޑަކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލ...

16 Oct 2021 | 05:37

ދަނޑުވެރިކަންކުރުމަށް ބޭނުންވާ ބިމަށް އޮތް ޑިމާންޑް އިތުރުވަމުންދާއިރު ޒަމާނީ ވަޞީލަތްތައް ބޭނުންކޮށް، ބިން އިސްރާފުކުރުން ކުޑަކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ތ.ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރޭ މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ބިން ކުޑަ ޤައުމަކަށްވުމުން ރާއްޖޭގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް އާއުކުޅުތައް ދަސްކުރަންޖެހޭކަމަށެވެ.

ޑރ. ހުސައިން ރަޝީދު ޙަސަން ވިދާޅުވީ ރާއްޖޭގެ އިޤްތިސާދުގައި މުހިންމު ޙިއްސާއަކަށް ދަނޑުވެރިކަން ހެދުމަށްޓަކައި މިދާއިރާ ފުޅާކުރަން ޖެހޭކަމަށެވެ. އެހެންނަމަަވެސް އެކަމަށް ބޭނުންވާ ބިން ރާއްޖޭގައި ނެތްކަމާއި އެއީ މުސްތަޤުބަލުގައި ގިނަ ރަށްރަށުން އަންނާނެ ސީރިއަސް ޝަކުވާއަކަށް ވާނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެކަމަށް އޮތް ޙައްލަކީ ޒަމާނީ ވަޞީލަތްތައްކުގެ ބޭނުންކޮށްގެން ބިން ބޭނުންކުރާ މިންވަރު މަދުކޮށް ނަފާ ލިބޭނެ ގޮތްތައް ހޯދުންކަމަށެވެ. އެގޮތުން މިހާރު ދުނިޔޭގައި ކުރިއަރަމުން އަންނަ ދަނޑުވެރިކަމުގެ ވައްތަރެއްކަމުގައިވާ ވާޓިކަލް ފާމިންގ ނުވަތަ މަތިމައްޗަށް ގަސް އިންދާ ނިޒާމު ތަޢާރަފްކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބޮޑު އަގުގައި ނަފާލިބޭ ފަދަ މަތިމައްޗަށް ގަސް އިންދާ ނިޒާމު ނުވަތަ ވާޓިކަލް ފާމިންގއަށް ދާންއެބަޖެހޭ. ހަމައެއާއެކު ދަނދުވެރިކަން ކުރުމުގައި ފެން ބެލެވެނީ އަގު ބޮޑު އެއްޗެއްގެ ގޮތުގައިކަމަށްވާއިރު ފެން އިސްރާފުކުރުންވެސް ހުއްޓުވަން އެބަޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

ޒަމާނީ ހުނަރުވެރި ދަނޑުވެރިން އުފެއްދުމުގެ މުހިއްމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މިހާރު ރާއްޖޭގައި ހިންގާ ގިނަ ދަނޑުތަކުގައި ނިސްބަތުން ބިދޭސީން އިތުރުކަމަށާއި މީގެ ސަބަބުން ދަނޑުވެރިކަމުން ލިބޭ ނަފާ ރާއްޖޭގައި ނުހިފެހެއްޓޭކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ދަނޑުވެރިކަމަކީ ތަޢުލީމީ މަންހަޖުގެތެރެއިން ކުދިންނަށް އުނގަންނައިދެވި ޒުވާނުން މިދާއިރާއަށް ޝައުގުވެރިވާ ދާއިރާއަކަށް ހެދުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް