މޫސުން ގޯސްވެ މުޅި ރާއްޖެއަށް ރީނދޫ އެލާޓު ނެރެފައިވާ ވަގުތު އިތުރުކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ރޭ 12:30 ން ފެށިގެން ނެރެފައިވާ ރީނދޫ އެލާޓުގެ ވަގުތު މިއަދު ހަވީރު 4:30 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. މިވަގުތަކުގައި ކަނޑާއިވައި ގަދަވާނެ ކަމަށްލަފާ ކުރެ އެވެ.
މެޓް އޮފީހުން ބުނީ މުޅި ރާއްޖެއަށް އާންމު ގޮތެއްގައި ވައި ޖެހޭނީ 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ރާއްޖެ ސަރަހައްދަށް ވައި ގަދަވެ ކަނޑު ގަދަވެފައިވަނީ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުންނެވެ. މެޓް އޮފީހުން ކުރިން ބުނެފައިވަނީ ވަޔާއި ކަނޑު ގަދަވާނީ މިމަހުގެ 12-16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ރީނދޫ އެލާޓު ނެރެފައިވާތީ ޑިޒާސްޓާ މެނޭޖްމެންޓުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި އެމްއެންޑީއެފުން ވަނީ ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް