މިދިޔަ އޮގަސްޓުމަހުގެ ފަހުކޮޅު އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ބޭލުމުގެ އެންމެ ފަހުގެ މަރުހަލާ ކުރިޔަށް ގެންދަނިކޮށް އެގައުމުން ދިން ޑްރޯން ހަމަލާއެއްގައި މަރުވި އަފްގާނު އާއިލާއަކަށް ބަދަލުދޭން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.
އެ ހަމަލާ ދިނީ އެމެރިކާއިން ބޭނުންވާ މީހުން އަފްގާނުން ބޭލެންދެން ކާބުލް އިންޓަނޭޝަނަލް އެއާޕޯޓު ހިފައިގެން ތިއްބަ އެއާޕޯޓު ސަރަހައްދުގައި ދިން ހަމަލާތަކެއްގައި އެމެރިކާގެ 13 ސިފައިން މަރުވުމުން ބަދަލު ހިފުމުގެ ގޮތުންނެވެ. އެ ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން ނެގުމުން އެމެރިކާއިން ޑްރޯން ހަމަލާ ދިނީ އެ ޖަމާއަތުގެ ބަޔަކަށެވެ.
އެކަމަކު ޑްރޯން ހަމަލާ އަމާޒުވީ ކާބުލްގެ ގެއެއްގެ ގޯތިތެރެއަށެވެ. އެ ހާދިސާގައި މަރުވެފައިވަނީ އެމެރިކާ އަސްކަރިއްޔާއަށް ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ޒަމީރީ އަހުމަދީ އާއި އޭނާގެ އާއިލާއެވެ. އޭގެ ތެރޭގައި ހަތް ކުޑަކުދިންވެސް ހިމެނެ އެވެ.
އެމެރިކާއިން ފަހުން ބުނީ އެއީ އޮޅިގެން ދެވުނު ހަމަލާއެއް ކަމަށެވެ. އަދި އެމީހުން މައުލޫމާތު ލިބިފައިއޮތީ އެއީ އައިއެސްއަށް ތާއީދު ކުރާ ބައެއްގެ ގޮތުގައި ކަމަށް އޭރު ބުންޏެވެ.
އެއާއިލާއިން ބުނީ އެމީހުންނަކީ އައިއެސްއަށް ތާއީދު ކުރާ ބައެއް ނޫން ކަަމަށާއި ގެއިން ނުނުކުމެ އާއިލާ އެއްކޮށް އޭރު މަޑުކޮށްގެން ތިބީ އެެމެރިކާއަށް ހިޖުރަ ކުރުމުގެ ފުރުސަތު ލިބިފައިވާތީ ރައްކާތެރި ކަމާއި އެކު އެއާޕޯޓަށް ދެވޭނެ މަގު ތަނަވަސް ވެއްޖެކަން އެމެރިކާ އަސްކަރިއްޔާއިން އަންގަންދެން ކަމަށެވެ.
އޭގެ ދެ މަސް ފަހުން އިއްޔެ އެމެރިކައިން ވަނީ ޒަމީރީ މަސައްކަތް ކުރި އޮފީސް މެދުވެރިކޮށް އެ އާއިލާއަށް ބަދަލު ދޭނެކަން އަންގާފަ އެވެ. އަފްގާނިސްތާނުން އެއާއިލާގެ ބާކީތިބި މެމްބަރުން އެމެރިކާއަށް ބަދަލުކޮށްދޭނެ ކަމަށް ވައުދުވެފައިވެ އެވެ.
އެމެރިކާ ޒިންމާއިން ރެކެން މަސައްކަތް ކުރާ ކަމަށްބުނެ ޒަމީރީއަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ބުނެފައިވަނީ މިދިޔަ މަހުގެ ނިޔަލަށް އެމެރިކާ ސަރުކާރުގެ އެއްވެސް ހަބަރެއް އެމީހުންނަށް ވެފައި ނުވާ ކަމަށެވެ. އޭނާ ބުނީ ހަމައެކަނި މައާފަށް އެދުމުން ނުފުދޭނެ ކަމަށެވެ.
އޭގެ ފަހުން އެމެރިކާއިން ދޭން ނިންމި މިބަދަލާއި މެދު އަދި އެ އާއިލާއިން އެއްޗެއް ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް