ރާއްޖެއަށް މިއަދުގެ ނިޔަލަށް ކަނޑާއި ވައި ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އޮތީ ލަފާކޮށްފަ އެވެ.
ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކަނޑާއި ވައި ގަދަވާން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ.
ވައި ގަދަވުމުން ތަފާތު ހާދިސާތައް ހިނގައެވެ. އާންމުކޮށް ގަސް މުލުން ލުހުމާއި ގޭގޭގެ ފުރާޅު އެއްލާލުމަކީ މޫސުން ގޯސްވެ ވައި ގަދަވީމަ ރާއްޖޭގައި ވާ ކަންކަމެކެވެ. އެކަމަކު މިހާރަށްވުރެ ބާރަށް ވައިޖެހުނު ފަހަރު މީގެ ކުރިން އައިއިރު މިފަދަ ތަފާތު މަންޒަރެއް ނުފެނެ އެވެ.
ރޭ ސޯޝަލް މީޑީއާގައި މީހަކު އާންމު ކުރި ވީޑިއޯއިން ފެންނަނީ ހުޅުމާލޭ މަގެއްގެ މަތީގައި ފުލުހުން ބަހައްޓާފައި ހުރި ބެރިކޭޑްތަކެއް ވަޔާދާ މަންޒަރެވެ. އޭގެން އެއް ބެރިކޭޑް ދުއްވާފަ ދިޔަ ސައިކަލެއްގައިވެސް ޖެހެ އެވެ.
ބައެއް ފުލުހުން ބެރިކޭޑްތައް ހުއްޓުވަން ފުލުހުން މަގު މެދުގައި ދުވާތަންވެސް ފެނެ އެވެ. އޭރުވެސް އެ ސަރަހައްދަށް ވަރަށް ބާރަށް ވައިޖެހޭކަން އާންމުވެފައިވާ ވީޑިއޯއިން ފެނެ އެވެ.
https://twitter.com/haifa_aishath/status/1449085482571210753
މި ޕޯސްޓަށް ކޮމެންޓު ކުރި ބައެއް މީހުން އެ މަންޒަރަށް ޖޯކު ޖަހައި ބުނެފައިވަނީ އެއީ ޖިންނީގެ ކަމެއް ކަމަށެވެ. އަނެއް ބަޔަކު ބުނެފައިވަނީ އާންމުކޮށް ބެރިކޭޑަށް ހުންނާނީ ފެން އަޅައި ބަރުކޮށްފައި ކަމަށާއި އޭރު އެހުރީ ފެންތައް ހުސްކޮށްފައި ކަމުން ފަސޭހައިން ވަޔާ ދިޔައީ ކަމަށް ބެލެވޭ ކަމަށެވެ.
އިތުރު މީހަކު ބުނީ ވައި ޖެހޭ ދިމާލަށް ނުދާނެ ގޮތަކަށް ބެރިކޭޑްތައް ފުލުހުން ބަހައްޓަން ޖެހޭނެ ކަމަށެވެ. އެހެން ނޫނީ ހިތާމަވެރި ހާދިސާއެއްވެސް ހިނގާފާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް