މަހުމޫދުގެ މަރުގެ މައްސަލައިގަ އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ!

އދ. ދަނގެތީގައި ރަހުމް ކުޑަގޮތަކަށް މަރާލާފަ އޮއްވަ ފެނުނު އެ ރަށު މޮނަލާޒް އުމުރުން57 އަހަރުގެ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގަ އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ. މ...

16 Oct 2021 | 03:16

އދ. ދަނގެތީގައި ރަހުމް ކުޑަގޮތަކަށް މަރާލާފަ އޮއްވަ ފެނުނު އެ ރަށު މޮނަލާޒް އުމުރުން57 އަހަރުގެ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގަ އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

މަހުމޫދުގެ ހަޑިގަނޑުގެ އެކި ތަންތަނަށް ވަޅިހަރައި މަރާލުމަށް ފަހު ގޯންޏަކަށް ލައި ވައްޓާލާފައި އޮތީ ފަޅުގެއެއްގެ ތެރޭގައި ހުރި ފެންވަޅަކަށެވެ. އޭނާގެ ހަށިގަނޑު ފެނުނީ ނުފެނިގެން ރައްޔިތުން ނުކުމެ ހޯދަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު މެންދުރު 2:30 ހާއިރު އެވެ.

ފުލުހުން ބުނީ މިހާތަނަށް އެ މައްސަލައިގަ މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެ މައްސަލައިގަ ފުލުހުން ތުހުމަތު ކުރާ ބަޔަކު ތިބިކަންވެސް ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު މަހުމޫދުގެ މަރަށް ތިންް ދުވަސް ވީއިރު ފުލުހުން އެ މައްސަލައިގަ ނޫސްވެރިންނަށް މައުލޫމާތު ހާމަކުރީ އެންމެ ތިން ފަހަރު އެވެ.

މި މައްސަލައިގަ އެ ރަށު މީހުން ތިން މީހަކަށް ތުހުމަތު ކުރެ އެވެ. އަދި އެމީހުން އެ ދުވަހު ދަނގެތީ ޕޮލިސް ސްޓޭޝަނާއި ހަވާލު ކުރި ނަމަވެސް ފުލުހުން އެމީހުންނާއި ގުޅޭގޮތުން އެއްޗެއް ހާމައެއް ނުކުރެ އެވެ.

އޭގެ ފަހުން އިއްޔެ އެ ތިން މީހުން ރަށުން ބާލައިގެން އެއަތޮޅު މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ވަނީ ގެންގޮސްފަ އެވެ. އެހެންވެ އެންމެން ހީކޮށްގެން ތިބީ މަހުމޫދުގެ މަރުގެ މައްސަލައިގަ އެމީހުން ހައްޔަރު ކުރީ ކަމަށެވެ.

އެކަމަލު ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރު ކުރީ އެހެން މައްސަލައެއްގަ ކަމަށެވެ. އެކަމަކު އެ މައްސަލައިގެ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.

މަހުމޫދުގެ ހަށިގަނޑު އިއްޔެ މާލެ ގެނެސް ޓެސްޓުތަކެއް ހެދުމަށް ފަހު އަނބުރާ ދަނގެއްޗަށް ގެންގޮސް ވަޅުލީ އިއްޔެ އަސުރު ނަމާދަށް ފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް