މިއުޅެނީކީ ސިމްބޮލިކުގެ މައްސަލައެއް ނޫނެވެ ! ހަޖަމުގެ މައްސަލައެކެވެ !

މިއަދު ހަބަރުތަކުގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ސިމްބޮލިކް ރެކޯޑްސް އިން ލަވަފޮށީގައި އޮޅުވާލައިގެން ބޮޓް ހިޓްސް ހޯދަމުންދިޔަ ވާހަކައެވެ. އަދި އަލީ ރަމީޒު ވައްޓާލީ ބޮޓުން ތަޅައިގެން ކަމަށ...

16 Oct 2020 | 16:27

މިއަދު ހަބަރުތަކުގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ސިމްބޮލިކް ރެކޯޑްސް އިން ލަވަފޮށީގައި އޮޅުވާލައިގެން ބޮޓް ހިޓްސް ހޯދަމުންދިޔަ ވާހަކައެވެ. އަދި އަލީ ރަމީޒު ވައްޓާލީ ބޮޓުން ތަޅައިގެން ކަމަށް ދެކެވޭ ވާހަކައެވެ. ނަމަވެސް މިވާހަކަ ފެށިގެން އައި ގޮތާއި، އެންމެ ފުރަތަމަ މި ވާހަކަ ދޯ މެގަޒިންގައި ލިޔެފައިވާއިރު ބަސް ތައް ގެނެސްދީފައިވާ މީހުންގެ ބަސް މަގު ހުރި ގޮތުން މިއުޅެނީ ސިމްބޮލިކުގެ މައްސަލައެއް ނޫންކަން ދޭހަވެއެވެ. މިއުޅެނީ ހަޖަމުގެ މައްސަލައެކެވެ!.

ދޯގެ އެ ލިޔުމުގައި އެންމެ އަޑުހަރުކޮށް ތަކުރާރުކޮށް ބުނެފައިވާ އެކައްޗަކީ ޗާޓުން ކުރިން ވައްޓާލި އަލީ ރަމީޒު އަނެއްކާވެސް ސިމްބޮލިކަށްވުރެ މަތީގައި އުޅޭ ކަމެވެ. ކުރިން ވައްޓާލިއްޔާ މިހާރުވެސް ވައްޓާނުލެވެންވީ ސަބަބެއް ނެތް ކަމެވެ.

ހަމަ އެކަނި އެ ހުއްޖަތު ދައްކާއިރު އޭގައި އެ ވީގޮތް ވަރަށް ސާފެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނެވެ. އެކަން ތަފާސް ހިސާބުން ސާފެވެ. މިހާރުގެ ޒުވާނުންނަށްވެސް އަލީ ރަމީޒުގެ ލަވަތައް ހަޑިއެކޭ ނޫނެވެ. އަލީ ރަމީޒުގެ އަޑަކީ ދެވަނައެއް ނެތް ރީތި އަޑެކެވެ. އަލީ ރަމީޒުގެ ހަމަ ކޮންމެ ލަވައަކީވެސް ދެވަނައެއް ނެތްފަދަ ރީތި ހިތްގައިމު ލަވައެކެވެ. ނަމަވެސް ޒުވާނުން ގަޔާވާ ރާގާއި ލަވައިގެ ވައްޓަފާޅި ބަދަލުވެއްޖެއެވެ. ހަމަ އެކަނި ރާއްޖެއަކު ނޫނެވެ. ބިޔަ ބޮޑު އިންޑިއާގައިވެސް ކަން އޮތީ ހަމަ މިހެންނެވެ.

އިންޑިއާގެ މިއުޒިކް އިންޑަސްޓްރީއަށް ބަލާއިރު އަރީޖީތާއި، ސްޓެބިން ބެން އާއި ނިހާ ކައްކަރުގެ ލަވަތައްވެސް އިންތިހާއަށް ރީއްޗެވެ. ނަމަވެސް ޔޯޔޯ ހަނީ ސިންގާއި ބާދްޝާހާއި ރަފްތާރުގެ ހިޕްހޮޕް/ރެޕް ލަވައެއް ރިލީޒް ވެއްޖެނަމަ، އަރީޖީތުމެން، ނިހާ ކައްކަރުމެންގެ ލަވަތައް ފަހަތައް ވައްޓާލައެވެ. އެއީ ހިޕްހޮޕް ލަވަތަކަށް ޒުވާނުން ލޯބިކުރާތީއެވެ. އަވަށްޓެރި އިންޑިއާގެ އާބާދީގައިވެސް އެންމެ ގިނައީ ޒުވާނުންނެވެ.

ދެން އޮތީ އަނެއްކާވެސް އަލީ ރަމީޒު ޗާޓުގެ މައްޗަށް އެރި ވާހަކައެވެ. އެކަމުގައި އެ ވީ ގޮތްވެސް ވިސްނާލައިފި މީހަކަށް ސާފު ވާނެއެވެ.

ކޮވިޑުގެ ލޮކްޑައުންގެ ކުރީގައިވެސް އަދި ލޮކްޑައުންގައިވެސް އަދި މިހާރުވެސް މިއުޒިކާއި ލަވަ އަޑުއެހުމުގައި ޒުވާނުންނަށް ހުރަހެއް ނެތެވެ. ޒުވާނުންނަށް ހުސް ވަގުތު އޮތީ ބައިވަރެވެ. ނަމަވެސް މެދު އުމުރުފުރައިން މަތީ އެންމެން ކަހަލަ ގޮތަކަށް ލޮކްޑައުން ކުރީގައި އުޅުނީ މިއުޒިކެއް ލަވައެއް ކީއްކުރަން ހެއްޔެވެ. ޕްރޮގްރާމެއް ފަށާ ތަންކޮޅުން އަންނަ އިންޓްރޯ މިއުޒިކް ކޮޅެއް އަހާލާނެ ވަގުތެއްވެސް ނެތިއެވެ. ނަމަވެސް ލޮކްޑައުން ވުމާއެކު ވަޒީފާއަށް ދާން ނުޖެހި، ގެއިން ބޭރަށް ނުނިކުމެވި ގޭގައި ތިބެން ޖެހުނު އެންމެންވެސް އެކި ގޮތްގޮތުން ޓައިމް ކިލް ކުރިއެވެ. އެގޮތުން އަލީ ރަމީޒުގެ ލަވަތައް އަޑުއެހި މީހުން އިތުރުވުމަކީ ނުވުމަށްވުރެ ވުން މާ ގާތް ކަމެކެވެ.

ލޮކްޑައުން ލުއިވެ، އާންމު ހާލަތަށް އައުމުން، އަނެއްކާވެސް ސިމްބޮލިކުގެ ލަވަތައް ޗާޓުގެ އުހަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ހުސް ވަގުތު އޮތް ޒުވާނުންގެ ހިތްވަރެވެ.

ދެން އޮތީ ބޮޓުގެ ވާހަކައެވެ. ބޮޓު ރަނގަޅަށް ކިޔަން ނޭނގުނަސް ބޮޓު ހިޓްސް ހޯދާ ވާހަކަ ދައްކާތީވެސް ހިނި އާދެއެވެ. އަދި ބޮޓު ހިޓު މިހާރު ކައުންޓް ނުކުރާނެ ކަމަށް ބުނާ ބުނުމުންވެސް އަންނަނީ ހިންޏެވެ. ބޮޓު ހިޓު ކައުންޓް ނުކުރާނޭހެން ސޮފްޓްވެއާ އެޕްލިކޭޝަންތައް އަޕްގްރޭޑް ކުރަމުންދާވަރަކަށް ބޮޓުވެސް އަޕްގްރޭޑް ކުރަމުންދެއެވެ. އެއީ އެންޓި ވައިރަހާ ވައިރަހުގެ ގުޅުން ފަދަ ކަމެކެވެ. އެހެންކަމުން ބޮޓުން ހިޓު ހޯދަންޏާ އަދިވެސް ހިޓު ހޯދާ ބަޔަކު ހޯދާނެއެވެ.

ނަމަވެސް ސިމްބޮލިކު ރެކޯޑުގެ ސައުންޑްކްލައުޑް ސްޓެޓިސްޓިކްސް އަށް ބަލާލުމުން ބޮޓާ ނުލާވެސް ޒުވާނުންގެ ހިތްތަކުގައި ރަސްކަން ކުރަމުން އަންނަނީ ސިމްބޮލިކު ރެކޯޑުކަން ސާފުވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް