އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމް ތަރި އެޑެން ހަޒާޑަށް ބާސެލޯނާއާ ދެކޮޅަށް މިމަހުގެ 24 ވަނަ ދުވަހު ކުޅޭ އެލް ކްލަސިކޯ މެޗުގައި ނުކުޅެވިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
މިއަހަރު ފެށުނު ފަހުންވެސް އަނިޔާގެ އެތައް މައްސަލައެއް ކުރިމަތިވެ ގިނަ މެޗުތަކެއް ގައި ހަޒާޑަށް ކުޅެވިފައި ނުވާއިރު، އެންމެ ފަހުން ހަޒާޑް އަށް އަނިޔާވީ މި ދިޔަމަސްތެރޭ ރެއާލް ބެޓިސްއާއި ދެކޮޅަށް ކުޅެ 2-3 ގެ ނަތީޖާއިން ރެއާލް މޮޅުވި މެޗުގައެވެ. އެ މެޗުގައި ހަޒާޑުގެ ކަނާތު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ މަސް ދުވަސް ވަންދެން ކުޅުމާ ދުރަށްދާން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަނިޔާގެ ސަބަބުން އުމުރުން 29 އަހަރުގެ ހަޒާޑަށް މިދިޔަ ސީޒަނުގައިވެސް ގިނަ މެޗުތަކެއް ގެއްލުނުއިރު، ކުޅުނު 22 މެޗުގައި ޖެހުނީ އެންމެ ލަނޑެކެވެ.
ހަޒާޑްގެ މައްސަލާގައި ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާންވެސް ވާހަކަދައްކާފައި ވާއިރު، ދާދި ފަހުން ޒިދާން ބުނީ ހަޒާޑަށް ލިބިފައިވާ އަނިޔާއިން ސަލާމްތްވެ ބާސާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވިދާނެ ކަމަށެވެ. އަދި ހަޒާޑުގެ އަނިޔާގެ ރިކަވަރީ އަވަސް ކުރުމަށް ރެއާލުން މަސައްކަތް ނުކުރާ ކަމަށާއި، ސަބަބަކީ ރިކަވަރީއަށް އެކަށީގެންވާ ވަގުތު ދިނުމަކީ އޭނާ ގެންގުޅޭ ފިލޯސޮފީ ކަމަށް ވާތީ ކަމަށް ޒިދާން ބުނެފައިވެއެވެ.
ޒިދާން އިތުރަށް ބުނީ ހަޒާޑަށް ލިބިފައިވާ އަނިޔާއިން ސަލާމަތްވެ އެންމެ އަވަހަށްވެސް ކުޅެވޭނީ އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި ކަމަށާއި، އަދި އޭނާގެ އަނިޔާ ހީކުރި ވަރަށްވުރެ އަވަހަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.
ހަޒާޑް ރެއާލަށް ބަދަލުވެފައިވަނީ ބޮޑު ޓްރާންސްފާ ފީއަކަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިނގިރޭސި ކުލަބު ޗެލްސީންނެވެ. ނަމަވެސް އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި އޭނާގެ އެންމެ މޮޅު ކުޅުން ދެއްކިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް