ޖުޑީޝަރީއަކީ އެމްޑީޕީގެ ޣަނީމާ މުދަލަކަށް ހެދިޔަކަ ނުދޭނަން: އިދިކޮޅު

ރާއްޖޭގެ ޖުޑިޝަރީ އަކީ ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ކައިރީގައި އުޅުއްވާ ފަރާތްތަކުގެ ޣަނީމާ މުދަލަކަށް ހެދިޔަ ނުދެއްވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނު...

16 Oct 2019 | 17:04

ރާއްޖޭގެ ޖުޑިޝަރީ އަކީ ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ކައިރީގައި އުޅުއްވާ ފަރާތްތަކުގެ ޣަނީމާ މުދަލަކަށް ހެދިޔަ ނުދެއްވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ އޭރުވެސް އަދި މިއަދުވެސް އެމްޑީޕީގެ އިސް ފަރާތްތައް އެކުވެގެން ކުރަމުން ގެންދަނީ އެއް މަސައްކަތެއް ކަމަށެވެ. އެއީ ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމުގެ ނަމުގައި އެ ދާއިރާއަށް ނުފޫޒު ފޯރުވުން ކަމަށެވެ. އަދި ވިދާޅުވީ އެކަން އެމްޑީޕީން 2008ވަނަ އަހަރު ވެރިކަން ލިބިގެން ކުރަން އުޅުމުން ލިބިގެންދިޔަ ހިތި ނަތީޖާ ވަރަށް ރަނގަޅަށް ދިވެހި ރައްޔިތުންނަ ހަނދާން ހުންނާނެ ކަމަށެވެ. އަދި މިއަދުވެސް އެޕާޓީން ކުރަމުން ގެންދަނީ އެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު މަސައްކަތް ކުރަމުންދަނީ އިސްލާމީ އަސްލުތަކާއި އުސޫލުތައް ނައްތާލާ ހުޅަނގުގެ އުސޫލުތަކެއް އަށަގެންނެވުމަށް ކަމަށްވެސް މުންދު ތުހުމަތު ކުރެއްވިއެވެ. އެގޮތުން މުންދު ވިދާޅުވީ ދާދިފަހުން ޝަރުއީ ދާއިރާގެ ދިރާސާއެއް ކަމަށްބުނެ ބޭރު މީހެއް ލައްވާ ނެރުނު ރިޕޯޓުގައި އެންމެ ފުރަތަމަވެސް އޮތީ ފަނޑިޔާރުންނަށް ހާއްސަކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިންޒާރެއް ދީފައި ކަމަށެވެ. އެއީ ފަނޑިޔާރުން ވަކި ކުރާނެ ކަމުގެ ވާހަކައެވެ.

"އެހެންވީމަ ކިތަންމެ ގިނަ ސޮފްހާއެއްގެ ދިރާސާ ރިޕޯޓަކަށްވިއަސް އެ މަސައްކަތާއި ދޭތެރޭ ސުވާލު އެބަ އުފެދޭ،" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބުވުމުގެ ފުރުސަތު ދިވެހި ރައްޔިތުން ނުދޭނެ ކަމަށެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މިއަދު އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ކަންބޮޑުވާންޖެހޭ ވަރުގެ ކަންކަން އެބަހުރިކަން ފާހަގަކުރައްވާފައެވެ. ހާއްސަ ގޮތެއްގައި އެ ކޯޓުން ކުރާ ހުކުމްތަކާއި ގުޅޭ ގޮތުން ޖޭއެސްސީން މައްސަލަތައް ބަލަމުންދާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ޕީޕީއެމް އަދި ޕީއެންސީން ވެސް ވަނީ ފާޅުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް