އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ނެރުއްވި ބަޔާނުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ގުޅިގެން ދައްކަވާފައިވާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފިއެވެ.
ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި އެ ކޮމިޝަނަށް ހާޒިރުވުމަށް އެންގުމުން އެ މައްސަލަ ބެލުމުގެ އިހްތިސޯސް ޖޭއެސްސީއަށް ލިބިގެން ނުވާ ކަމަށް ވިދާޅުވެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ސިޓީފުޅަކުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި މެދު ހަގީގަތާއި ހިލާފަށް ވާހަކަތަކެއް އާއްމު ކުރެއްވުމަކީ ޖޭއެސްސީގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އަޅުއްވާ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނީި އުއްތަމަ ފަނޑިޔާރާއި ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލައެއް ސާބިތުވެ، ތައުދީބީ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ނިންމި ނިންމާ، އެ ކޮމިޝަނުން ފޮނުވި ނަސޭހަތުގެ ލިޔުމާއި ހަވާލުވާން އިންކާރު ކޮށްފައިވާތީ އެމަނިކުފާނުގެ ސުލޫކީ އިތުރު މައްސަލައެއް ބެލުމަށް މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައި ނިންމާފައިވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހާރު ބަލަމުންދާ އެ ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކަކީ ނުބެލޭނެ މައްސަލަތަކެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ބަލަމުންދާ ކަން އަންގައި، ޖޭއެސްސީން ފޮނުވި ނޯޓިސްގައި 15 ކަމެއް ހިމަނާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރޭގައި އެ ކޮމިޝަނަށް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް، އުއްތަމަފަނޑިޔާރުގެ ބަޔާނުގައިވެއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއްވެސް މައްސަލައެއްގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން، އެ ނިންމުމަށް ގޮންޖަހައި އެ ނިންމުން ނިންމި ފަނޑިޔާރަށް ނުފޫޒު ފޯރުވައި ބިރު ދައްކައި އަދި އެ ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ކުރުންފަދަ ކަންކަމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ ޣައިރު ދުސްތޫރީ އަމަލެއް ކަމަށެވެ.
އަދި ޖޭއެސްސީއާ ދުސްތޫރީ ގޮތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކަށް ބަލާއިރު ވެސް ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ކަހަލަ ނިންމުމެއް މުރާޖައާ ކުރުމާއި އެއްވެސް ފަނޑިޔާރަކަށް އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުމަށް އެއްވެސް ކަހަލަ އިޖުރާއަތެއް ހިންގުމުގެ އެއްވެސް ކަހަލަ ބާރެއް ނުވަތަ އިހުތިސާސެއް ވެސް ޖޭއެސްސީ އަށް ލިބިގެން ނުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގަ އާއި ޝަރީއަތުން ބަލާ އެ ނޫން މައްސަލަތަކުގައި ވެސް ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް