ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް ފޮނުވާފައި ނަންތަކަށް ހިޔާލު ހޯދަނީ

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަންތަކަށް ހިޔާލު ހޯދަން ހުޅުވާލައިފިއެވެ....

16 Oct 2019 | 13:20

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަންތަކަށް ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

އެ މަގާމަށް އައްޔަން ކުރައްވަން ރައީސް ސޯލިހު ފޮނުއްވީ ދެ ނަމެކެވެ. އެއީ ފަތުހުﷲ ޖަމީލާއި އިސްމާއީލް ނާޝިދުގެ ނަމެވެ. ފަތުހުﷲ އަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރެވެ. ނާޝިދަކީ ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރެވެ. އޭނާއަކީ މެދުކެނޑުމެއް ނެތި 18 އަހަރު ކަސްޓަމްސްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފަތުހުﷲ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިރާގުގައެވެ.

މީގެއިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރަން ފޮނުވި ނަންތަކަށްވެސް ހިޔާލު ހޯދަން މަޖިލީހުން ވަނީ ހުޅުވާލައިފައެވެ. އެ މަގާމަށް އައްޔަން ކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ ހަ ބޭފުޅެއްގެ ނަން ވަނީ މަޖިލީހަށް ފޮނުވާފައެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަނަށް އައްޔަން ކުރަން ފޮނުވި ނަންތައް:

  • މުހައްމަދު ސިރާޖު މުނީރު
  • އަސްމާ ޝަފީދު
  • އިސްމާއިލް ސާޖިދު
  • އަހުމަދު ޝަރީފް
  • އަހުމަދު ވާފިރު
  • އަހުމަދު އަގީލް

މަޖިލީހުން ބުނީ މި ނަންތަކަށް އާއްމުންގެ ފަރާތުން އެއްވެސް ޝަކުވާއެއް އޮތްކަމުގައި ވާނަމަ މިމަހުގެ 21ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން މަޖިލިސް އިދާރާއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. ޝަކުވާ ހުށަހަޅާއިރު ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު

ނަންބަރު އެނގޭ ގޮތަށް ޝަކުވާ ހުށަހެޅުމަށް ވަނީ އެދިފައެވެ. ޝަކުވާ ހުށަހަޅަންޖެހޭނީ ޮމި ޓީގެ އީ-މެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުންނެވެ.

މީރާގެ އިސް މަގާމުތައް ހުސްވެފައި މިވަނީ މީރާގެ ގާނޫނަށް ދާދިފަހުން ސަރުކާރުން ގެނައި އިސްލާހަކުން މީގެކުރިން އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމު ގެއްލިގެން ދިއުމުންނެވެ. މަޖިލީހުން ފާސްކުރި އެ އިސްލާހު ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް