ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އޭރު އިދިކޮޅުގައި މަސައްކަތް ކުރި އެންމެ އިސް ފަރާތްތަކަށް އަމާޒުކޮށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބާތިލް ކޮށްފިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން އޭރު އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްގެން ގެނައި އިސްލާހުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން ހިމާޔަތް ހޯއްދަވައިގެން ތިއްބެވި ލީޑަރުންނަށް ވެރިކަމަށް ކުރިމަތިނުލެވޭނެ ކަމަށެވެ. އަދި އެފަދަ ބޭފުޅަކަށް ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެވޭނީ ހިމާޔަތް ދޫކޮށްލާތާ 10 އަހަރު ވުމުން ކަމަށެވެ. އަދި ހަމައެހެންމެ ރާއްޖެއިން ބޭރުން ރަށްވެހިކަން ހޯދާ ދިވެހިންނަށް ވެސް އުސޫލު ކަނޑައެޅިފައިވަނީ، މިއިސްލާހުގެ ދަށުން ހަމަ މިގޮތަށެވެ.
މި އިސްލާހު ގެނައިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތިއްބެވީ ހިމާޔަތް ހޯއްދަވައިގެން ގައުމުން ބޭރުގައެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި މީގެ ކުރިން އޮންނަނީ ބޭރު ގައުމެއްގެ ރައްޔިތަކަށް ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ނަމަވެސް ބޭރުގެ ރައްޔިތުކަން ދޫކޮށްލައިފިނަމަ ރިޔާސީ އިންތިހާބަށް ވާދަކުރެވޭނީ ވަކި މުއްދަތެއް ފަހުން ކަމަށް ގާނޫނު އަސާސީގައި އަދި ގާނޫނެއްގައި ވެސް ކަނޑައަޅާފައެއް ނޯވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް