މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ޖަމިއްޔާއެއް އުފައްދައިފި

ކުލި ކޮންޓްރޯލް ކުރުމުގެ މަޤްޞަދުގައި މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ޖަމިއްޔާއެއް އުފައްދައިފި އެވެ. މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ)ގެ ނަމުގައި އުފެއްދި މިޖަމިއްޔާ ޔޫތް މިނިސްޓްރީ އިން ރަޖިސްޓްރީ...

16 Oct 2019 | 09:33

ކުލި ކޮންޓްރޯލް ކުރުމުގެ މަޤްޞަދުގައި މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ޖަމިއްޔާއެއް އުފައްދައިފި އެވެ.

މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ)ގެ ނަމުގައި އުފެއްދި މިޖަމިއްޔާ ޔޫތް މިނިސްޓްރީ އިން ރަޖިސްޓްރީ ކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

އެމްޓީޔޫއިން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނިގޮތުގައި، މި ޖަމިއްޔާއަކީ އެތައް ޒަމާންތަކެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންގެ ވޭނާއި ތުރާތައް ހިއްސާކުރުމަށާއި، ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ދިނުމުގެ ގޮތުން އުފެއްދި ޖަމިއްޔާއެއް ކަމަށެވެ.

މި ޖަމިއްޔާގެ މައިގަނޑު މަޤްޞަދަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތައް ހިމާޔަތްކުރުމާއި ދިފާއުކޮށް ކުއްޔަށް ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި، އެއްގެއިން އަނެއްގެއަށް ބަދަލުވާއިރު ދިމާވާ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެމްޓީޔޫ އިން ނެރުނު ބަޔާނުން ބުނެއެވެ. އަދި ކޮންޓްރެކްޓު ހެދުމުގެ އިތުރުން އެހެނިހެން މައްސަލަތަކުގައި ވަކީލުންގެ އެހީތެރިކަމާއި އަދި ހޯމް އިންޝުއަރެންސް ފަދަ ޚިދުމަތްތަށް ލިބޭނޭ ގޮތް އެ ޖަމިއްޔާއިން ފަހިކޮށްދޭނެ  ކަމަށް ވެސް ބުނެއެވެ.

މާލޭގެ އާބާދީގެ 63 އިންސައްތަ އަކީ ކުއްޔަށް އުޅޭ މީހުން ކަމަށް އެބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން މިފަދަ ޖަމިއްޔާއެއްގެ ސަބަބުން މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންނަށް އެތައް ކަމަކުން ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށް ވެސް އެބަޔާނުގައި ހާމަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް