މި ސަރުކާރަކަށްވެސް ހިޔާލުފާޅު ކުރުމެއް ހަޖަމެއްނުވި: ޑރ. ޖަމީލް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކަށް ވެސް ހިޔާލުފާޅުކުރުމުގެ މިނިވަން ހަޖަމު ނުވި ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. މި...

16 Oct 2019 | 04:32

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކަށް ވެސް ހިޔާލުފާޅުކުރުމުގެ މިނިވަން ހަޖަމު ނުވި ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

މި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކުރީގެ ނާއިބު ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ފެނިގެން ދިޔައީ ގައުމީ ޔުނިވަސިޓީތަކަށް ސަރުކާރުގެ ކޮންޓްރޯލް އޮތުމުގެ ގެއްލުން ފެނިގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން މިހާ އަވަހަށް ހުދުމުހުތާރުވެއްޖެ ކަމަށެވެ. ހިޔާލު ފާޅު ކުރުމަށް ފުރުސަތު ދޭންވާނެ ކަމަށް ދޭހަވާ ފަދައިން ޖަމީލް ވިދާޅުވީ ބިރު ދައްކައިގެން ވެރިކަން ކުރެވުނު ޒަމާން މާޒީވެ ހިނގައްޖެ ކަމަށެވެ.

https://twitter.com/MJameelAhmed/status/1184320995991015425

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓު ނެރުނު މައްސަލައާ ގުޅޭގޮތުން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިން ސޯޝަލް މީޑިޔާގައި ވާހަކަ ނުދައްކަން ސަރުކާރުން އެންގުމާއި ގުޅިގެންނެވެ. އެމްއެންޔޫގެ ޗާންސެލާ ޑރ. ހަސަން ހަމީދު އިއްޔެ މުވައްޒިފުންނަށް ފޮނުއްވި އެންގުމެއްގައި ބުނެފައިވަނީ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖްތަމައު ހަލަބޮލި ވެދާނޭ ފަދަ ބީދައަކުން، އެ ރިޕޯޓާ ގުޅިގެން މީސްމީޑިޔާގައި ތަފާތު އެކި ހިޔާލު ފާޅުކުރަމުންދާކަން ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، އެ ޔުނިވާސިޓީގައި މަސައްކަތްކުރައްވާ އެއްވެސް ބޭފުޅަކު، މުޖުތަމަޢުގައި ބައިބައިވުން އުފައްދައި، އެއްބަޔަކު އަނެއް ބަޔަކާމެދު ރުޅިވެރިކަން އުފެދޭނެ ފަދަ ވާހަކަތައް މީސްމީޑިޔާ އާއި، އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ޔުނިވާސިޓީގައި އެދިވަޑައިގެންފައިވާ ކަމަށްވެސް އެ އެންގުމުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް