ފީފާ ރޭންކިންގ: ގަދަ ފަހެއް ބަދަލެއް ނުވޭ، ދިވެހިރާއްޖެ ދެ ދަރަޖަ ފަހަތަށް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން މިމަހުގެ ރޭންކިންގ އިޢުލާނު ކުރިއިރު، އެންމެ ފަހުގެ ރޭންކިންގ ގައި ގަދަ ފަހެއްގެ ޖާގަ ހިފަހައްޓަމުން އައި ގައުމުތަކުން މަގާމު ދަމަހައްޓައިފިއެވެ. މިގޮތުން މި...

16 Oct 2017 | 13:10

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން މިމަހުގެ ރޭންކިންގ އިޢުލާނު ކުރިއިރު، އެންމެ ފަހުގެ ރޭންކިންގ ގައި ގަދަ ފަހެއްގެ ޖާގަ ހިފަހައްޓަމުން އައި ގައުމުތަކުން މަގާމު ދަމަހައްޓައިފިއެވެ. މިގޮތުން މިފަހަރުގެ ރޭންކިންގ ގައިވެސް 1 ވަނަ މަގާމުގައި އޮތީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނެވެ. ޖަރުމަނުންވަނީ ދާދިފަހުން ނިމުނު ވޯލްޑްކަޕް ކޮލިފައިންގައި ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑެއް ހޯދާފައެވެ.

ދެވަނަ މަގާމުގައި ފުޓުބޯޅައިގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލް އޮތްއިރު 3 ވަނަ މަގާމުގައި އޮތީ އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލްއެވެ.  4 ވަނަ މަގާމުގައި އޮތީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ނިސްބަތްވާ އާޖެންޓީނާއެވެ. މި ފަހަރުވެސް ފަސްވަނަ މަގާމު ހޯދާފައިވަނީ ބެލްޖިއަމްއެވެ.

ކޮލިފައިން މެޗުތަކުގައި ހޯދި ނަތީޖާތަކާއެކު ޔޫރަޕްގެ ގަދަބާރުތަކުގެ ގޮތުގައި ބެލެވޭ ފްރާންސް، ސްޕެއިން އަދި އިނގިރޭސިންވެސް ވަނީ ރޭންކިންގ ގައި ކުރިއެރުން ހޯދާފައެވެ. އިންގްލެންޑް އަދި ސްޕެއިން 3 ދަރަޖައިގެ ކުރިއެރުމެއް ހޯދިއިރު، ފްރާންސް ވަނީ އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ.

މިފަހަރުގެ ރޭންކިންގ ގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ 22 ދަރަޖައިގެ ކުރިއެރުމަކާއެކު ތުރުކަމިނިސްތާނެވެ. އެ ގައުމު އޮތީ 114 ވަނައިގައެވެ. އެންމެ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހުނީ އިކުއެޑޯ އެވެ. 25 ދަރަޖައިގެ ވެއްޓުމަކާއެކު އެ ގައުމު އޮތީ 60 ވަނައިގައެވެ.

ދިވެހިރާއްޖެ މިފަހުން ކުޅުނު ބައިނަލްއަޤުވާމީ މެޗުތަކުގައި ދަށް ނަތީޖާތަކެއް ފެނިގެން ދިޔައިރު، ފީފާ ރޭންކިންގައި ދިވެހިރާއްޖެ މި ފަހަރުވެސް ވަނީ ކުރިއެރުން ނުލިބި 2 ދަރަޖަ ފަހަތަށް ވެއްޓިފައެވެ. ދިވެހިރާއްޖެ މިވަގުތު އޮތީ 156 ވަނައިގައެވެ. ދެކުނު އޭޝިޔާ ސަރަހައްދުގެ ދެވަނަ ރާއްޖެއަށް ލިބޭއިރު، އެއްވަނައިގައި އޮތް އިންޑިޔާ އޮތީ 2 ދަރަޖައިގެ ކުރިއެރުމަކާއެކު 105 ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް