އިޓާލިއަން ލީގުގައި މިލާންއަށް ނިސްބަތްވާ ދެ ކްލަބްގެ މެދުގައި ރޭ ކުޅެވުނު މަޝްހޫރު "މިލާން ޑާބީ" މެޗުގައި މައުރޯ އިކާޑީ ހެދި ހެޓްރިކާއެކު، އޭސީ މިލާންގެ މައްޗަށް އިންޓަ މިލާނުން ކުރި ހޯދައިފިއެވެ. މިއީ 2012 ވަނަ އަހަރުގެ މެއި މަހުގެ ފަހުން މިލާން ޑާބީ މެޗެއްގައި ކުޅުންތެރިއަކު ހެދި ފުރަތަމަ ހެޓްރިކެވެ.
އިންޓަ މިލާންގެ ކެޕްޓަން ބޭންޑްގައި ރޭ ކުޅުނު އިކާޑީ އެ ޓީމަށް މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގެ 28 ވަނަ މިނިޓުގައި އެންޓޯނިއޯ ކަންޑްރޭވާ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުންނެވެ. ދެ ޓީމުންވެސް ހަމަލާތަކެއް އުފެއްދި ނަމަވެސް ފުރަތަމަ ހާފު ނިމުނީ އެ ނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން އޭސީ މިލާނުން ރަނގަޅަށް ކުޅެމުން ދިޔައިރު، އެ ޓީމުން ނަތީޖާ ހަމަހަމަ ކުރީ 56 ވަނަ މިނިޓުގައި ބޮރީނީ ދިން ބޯޅައެއް، އޭރިއާގެ ބޭރުން ގޯލުގެ ވާއަތް ފަރާތު ތިރީކަނަށް ފޮނުވާލައިގެން ސޫސޯއެވެ.
އިންޓައިން ދެވަނަ ފަހަރަށް އިކާޑީ ޖަހައިދިން ގޯލުން ލީޑު ނެގީ މެޗުގެ 63 ވަނަ މިނިޓުގައެވެ. އިކާޑީ މިގޯލް ކާމިޔާބު ކުރީ ޕެރިސިޗް އޭރިޔާގެ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އެއްފަހަރުން ގޯލަށް ފޮނުވާލައިގެންނެވެ.
މިލާންއަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 81 ވަނަ މިނިޓުގައެވެ. މިލާންގެ ބޮރިނީ ފޮނުވާލި ބާރު ހަމަލާއެއް އިންޓަގެ ދެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި އައިވަގުތު، މިލާންގެ ބޮނެވިންޓޫރޭ ގޯލަށް ފޮނުވާލުމުން އިންޓަގެ ކީޕަރު ބޯޅަ ސަލާމަތްކުރަން އުޅުނު ނަމަވެސް އޭނާ އަތުން ޖައްސާލި ބޯޅަ ދަނޑީގައި ޖެހިފައި ބައިކޮޅަށް ވަނީއެވެ.
އިންޓަމިލާނުން މެޗު ކާމިޔާބު ކުރީ 90 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން އިކާޑީ ކާމިޔާބުކޮށްދިން 3 ވަނަ ގޯލުންނެވެ. މި ނަތީޖާއާއެކު 22 ޕޮއިންޓާއެކު އިންޓަމިލާން ތާވަލުގެ 2 ވަނައިގައި އޮތްއިރު، އެއްވަނައިގައި އޮތް ނަޕޯލީއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ވަނީ 2 ޕޮއިންޓަށް ކުޑަވެފައެވެ. އަނެއްކޮޅުން އޭސީ މިލާން އޮތީ 12 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް