ރާއްޖޭގައި ޕާޓީ ޑްރަގްސްގެ މައްސަލަ އަދި ސީރިއަސް ނުވާ ކަމަށާއި އެ ބާވަތުގެ ޑްރަގްސް އަދި ރާއްޖޭގައި އާއްމު ނުވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ މިއަދު އައްޑޫ ސިޓީއަށް ރާއްޖެއިން ބޭރުން އެތެރެކުރި ޕާޓީ ޑްރަގްސް ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޜައި، އެތަކެއްޗާއެކު ފުލުހުންނަށް ހުށަހެޅި ބަލަމުންދާ މައްސަލައާއި ގުޅޭ ގޮތުން ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ފުލުހުން ބުނެފައިވަނީ ޕޯސްޓްގެ ޒަރީއާއިން އައްޑޫ ސިޓީއަށް ރާއްޖެއިން ބޭރުން އެތެރެކުރި ޕާޓީ ޑްރަގްސް ތަކެއްކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް ފެނުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެމައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އަދި އައްޑޫ ސިޓީން ފެނުނު މި ތަކެތި ފުލުހުންގެ ފޮރެންސިކް ލެބޯރިޓީން ތަހުލީލުތައް ކުރަމުންދާއިރު، މި ތަހުލީލުތަކުގެ ރަސްމީ ނަތީޖާ މިހާތަނަށް ލިބިފައިނުވާ ވާހަކަ ދަންނަވާ ކަމަށެވެ.
"ހަމައެއާއެކު ޕާޓީ ޑްރަގްސް ރާއްޖޭގައި އާމންމުވެފައިވާކަމަށްބުނެ ހަބަރު ފަތުރާ ބައެއް ވަސީލަތްތަކުގައާއި ސޯޝަލް މީޑިއާތަކުގައި ވާހަކަތައް ދެކެވެމުންދާއިރު މިބާވަގުތެ މައްސަލަތަކަކީ އާންމުކޮށް ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކެއް ނޫންކަން ޔަގީންކޮށް އަރުވަމެވެ. އަދި ރާއްޖޭގެ ސްކޫލްތަކުގައި ޕާޓީ ޑްރަގްސް ދައުރުވަމުންދާކަމަށްބުނެ ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތެއް ކަމުގައިވެސް މި ފުރުސަތުގައި ދަންނަވަމެވެ. އެހެންކަމުން އެއްވެސް ފަރާތަކުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް މި ފުރުސަތުގައި އިލްތިމާސް ކުރަމެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކަކީ ފުލުހުންގެ މުއައްސަސާއިން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދީގެން ތަހްގީގު ކުރަމުންދާ އަދި ހުއްޓުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ މައްސަލަތަކެއް ކަމަށާއި، ހަމައެއާއެކު މިފަދަ މައްސަލަތައް ހުއްޓުވުމަށްޓަކައި ރާއްޖޭގެ ކަމާގުޅުންހުރި މުއައްސަސާތަކާއި ބައިނަލްއަގްވާމީ އެކި ފަރާތްތަކާ ގުޅިގެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، މި ބާވަތުގެ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތައް ހޯދައި، އެފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ ތަހުގީގުތައް ހިންގައި، ޝަރީއަތަށް ހުށަހަޅާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް