މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ކުޑަ ކުއްޖަކު ފުވައްމުލަކުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
"މަސްތުވާތަކެތި ގެންގުޅެ އެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖަންސަށް މަޢްލޫމާތު ލިބުމުން، ފުލުހުންގެ އިންޓެލިޖަންސާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 18 އަހަރު ދަށުގެ ފިރިހެން ކުއްޖެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓް އަމުރެއްގެދަށުން މި އޮކްޓޯބަރ މަހުގެ 14 ވަނަ ދުވަހުގެރޭ 19:25 ހާއިރު އޭނާ ދިރިއުޅެމުންދާ ގެއިންނެވެ." ފުލުހުން ބުނެފައި ވެ އެވެ.
ފުލުހުން ބުނީ މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޯޓް އަމުރެއްގެ ދަށުން، އޭނާ ދިރިއުޅޭގެއަށް ވަދެ އެގެ ބަލައިފާސްކުރިއިރު އޭނާގެ ކޮޓަރި ތެރެއިން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކެއް ވަނީ ފެނިފައި ކަމަށެވެ. އަދި މި މައްސަލައާ ގުޅުންހުރި މަސްތުވާތަކެތި ފުވައްމުލަކު ފަޅު ގޯއްޗެއްގައި ފޮރުވާފައިވާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެގޯތި ބަލައިފާސްކޮށްފައިވާއިރު އެގޯތިތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 55 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަމަށެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް