ދުނިޔޭގައި މިވަގުތު އޮތް އެންމެ ނުރައްކާތެރި އެއް ގޭންގުކަމުގައިވާ އެމްއެސް 13 ގެ ލީޑަރެއްކަމުގައިވާ އޭންޖެލް ގެބްރިއެލް ރެޔެސް މަރޮކުއިން، ވަނަމުން ނަމަ ބްލާންކޯ ހައްޔަރު ކުރެވިފައިވާކަމަށް ގުއާޓެމާލާގެ ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ބްލާންކޯ ހައްޔަރު ކޮށްފައިވަނީ އެގައުމުގެ ވެރިކަން ކުރާ ރަށަށް ވުރެ 50 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށަކުންކަމަށެވެ. މީގެ ދެމަސް ކުރިން އެގައުމުގެ ހޮސްޕިޓަލަކަށް ދިން ހަމަލާއަކާއި ގުޅިގެން ބްލާންކޯ ހައްޔަރުކުރަން އެގައުމުގެ ފުުލުހުން ވަނީ ބޭނުންވެފައެވެ. އެގޭންގުގެ އެހެން ލީޑަރެއް މިނިވަން ކުރަން ހޮސްޕިޓަލަށް ދިން މި ހަމަލާގައި ހަތް މީހަކު ވަނީ މަރުވެފައެވެ.
މީގެ ކުރިންވެސް ބްލާންކޯ ވަނީ ހައްޔަރު ކުރެވިފައެވެ. 2014 ވަނަ އަހަރު ބްލާންކޯ ހައްޔަރު ކޮށްފައިވަނީ 287 މީހެއްގެ މަރުގެ މައްސަލައާއި ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވިގެންނެވެ. އެހެން ނަމަވެސް ފަރުވާ ދޭން ހޮސްޕިޓަލަކަށް ގެންގޮސްފައި ހުއްޓައި އެގޭންގުގެ އެހީގައި އޭނަ ވަނީ ފިލާފައެވެ.
އެމްއެސް 13 އަކީ 1980 ވަނަ އަހަރު އެމެރިކާގެ ލޮސް އެންގެލެސްގައި އުފެދިގެން އައި ގޭންގެކެވެ. މިގޭންގުގެ މެންބަރުންގެ އަދަދު މިހާރު 70 ހާހަށް އަރާއިރު އެމެރިކާ ބައްރުގެ ގިނަ ގައުމުތަކެއްގައި މި ގޭންގުން ހަރަކާތްތެރިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް