ފައިތިލަ އޮޅާލުން– ޗައިނާގައި ކަނބަލުން ކޮށް އުޅުނު ތާރީހީ ކަމެއް !

ޗައިނާ އަކީ ޝަގާފީ ގޮތުން ތަފާތު އެތައް ކަމެއް ކުރަމުން އަންނަ ގައުމެކެވެ. ޝަގާފަތް ދިރުވުމުގައިވެސް ފާހަގަކޮށްލެވޭ އެ ގައުމުގައި އެތައް ޝަގާފަތެއް އުވި ގޮސްފައިވެސް ވެ އެވެ. މިއީ އެގޮތަށް އުވި ގޮސްފަ...

16 Oct 2017 | 00:47

ޗައިނާ އަކީ ޝަގާފީ ގޮތުން ތަފާތު އެތައް ކަމެއް ކުރަމުން އަންނަ ގައުމެކެވެ. ޝަގާފަތް ދިރުވުމުގައިވެސް ފާހަގަކޮށްލެވޭ އެ ގައުމުގައި އެތައް ޝަގާފަތެއް އުވި ގޮސްފައިވެސް ވެ އެވެ. މިއީ އެގޮތަށް އުވި ގޮސްފައިވާ ޝަގާފަތެއްގެ ވާހަކަ އެވެ. ނަމަވެސް ނިޝާންތައް އަދި އެކުގައި ފިލައިގެން ނުދެ އެވެ.

އިނގިރޭސި ބަހުން މިކަމަށް ކިޔާ އުޅެނީ "ފުޓް ބައިންޑިން" އެވެ. ޗައިނާ ބަހުގެ ތަރުޖަމާއަށް ބަލާއިރު ލޮޓަސް ފައިތިލަ، މިހެން ކިޔާ އުޅޭ ކަމަށް ބައެއް މަސްދަރުތަކުގައި ވެ އެވެ.

މިގޮތަށް ފައިތިލަ ބަދަލުކޮށްލަނީ އަންހެންކުދީންގެ އެވެ. އުމުރުން ހަތަރު އަހަރާއި ނުވަ އަހަރާއި ދެމެދުގެ އަންހެންކުދިންގެ ފައިތިލަ މިގޮތަށް ކުރީގައި ބަދަލުކޮށްލަނީ އެހާ ކުޑައިރު ފައިތިލަ މިގޮތަށް ބަދަލުކޮށްލަން ފަސޭހަވާތީ އެވެ. މިއީ މީގެ 1000 އަހަރު ކުރީއްސުރެ އެގައުމުގައި ކުރަމުން ދިޔަ ކަމެއް ކަމުގައިވާއިރު އެގައުމުގައި މިކަން މަނާ ކޮށްފައިވަނީ 1911 ވަނަ އަހަރުގަ އެވެ.

މިކަން ފެށުނު ކަމަށް އޮންނަ ފޯކްލޯއެއްގައިވާގޮތުން ޗައިނާގެ ރަސްކަލަކު ކައިވެނި ބައްލަވައިގަތް އަންހެނެއްގެ ފައި ހުންނަނީ ފުރޮޅިފަ އެވެ. އަދި އެއަށްފަހު އެގައުމުގައި އުފަންވާ ހުރިހާ އަންހެންކުދިންގެ ފައި ފުރޮޅާލުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެ ރަސްގެފާނު އެންގެވި ކަމަށް ބައެއް ފޯކްލޯގައި ބުނެފައި ވެ އެވެ. އަދި އެއީ އަންހެނުންނަށް ލިބިގެންދާ ރީތި ކަމެއްކަމަށްވެސް ރަސްގެފާނުގެ އަމުރުގައި ވާކަމަށް ވެ އެވެ.

ކޮންމެއަކަސް މިކަން އާއްމުގޮތެއްގައި ދެމި އޮތީ ޗައިނާގެ މުއްސަނދި އާއިލާތަކުގެ މެދުގަ އެވެ. މުއްސަނދި އާއިލާތަކުގެ އަންހެންކުދިން ވަޒީފާ އަދާކުރަން ނުޖެހޭތީ ނުވަތަ އަތުން ފައިން މަސައްކަތެއް ކުރަން ނުޖެހޭތީ މިކަން އޮތީ އެމީހުންގެ މެދުގައި މަގްބޫލު ފެޝަނަކަށް ވެފަ އެވެ.

ލޮޓަސް މަލެއްގެ ފިޔައެއްގެ ސިފަޔަށް ފައި ބަދަލުކޮށްލަން އުމުރުން ހަތަރު އަހަރުގައި އަންހެންކުދިންގެ ފައިގާ ބާރުކޮށް ބެންޑޭޖު ނުވަތަ ފޮތި އޮޅަ އެވެ. އަދި ލޮޓަސް މަލުގެ ފިޔައިގެ ބައްޓަމަށް ހުންނަ ބޫޓަށް އެކުދިން އަރުވަ އެވެ.

މި ޝަގާފަތް ޗައިނާގައި އުވާލާފައިވަނީ މިކަމުގެ ސަބަބުން އަންހެންކުދިން ނުކުޅެދޭ ބަޔަކަށް ވާތީ އާއި އަދި އުމުރުން ދުވަސްވާވަރަކަށް ތަދާއި ވޭން އިހުސާސް ކުރަން ޖެހޭތީ ޗައިނާގައި މިކަމާއި ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާތަކަކަށްފަހުގަ އެވެ.

މި ޝަގާފަތް ޗައިނާގައި އުވިގޮސްފައިވީނަމަވެސް ކުރީގައި ފައި "ބައިންޑް" ކުރި ބައެއް މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް