ރާއްޖޭގެ ރައީސްކަން ދެން ބޭނުންފުޅު ނުވާކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ "ހަބަރު ސިޓީ" ގެ ހަ ވަނަ އަދުގައި "ރައްޔިތުންނަށް ހެޔޮތުގައި ވެރިކަން ކޮށްދިނުން" މި ސުރުހީގައިި ލިޔުއްވަވާފައިވާ ލިޔުމެއްގައި އެވެ. އެ ލިޔުމުގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސްކަން ކުރަން ނޭދޭ ކަމަށާއި ބޭނުންފުޅުވެވަޑައިގެންނަވަނީ އެމްޑިޕީން ރާއްޖޭގައި ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދިނުމަށް ކަމަށެވެ.
އެމަނިކުފާނުގެ ލިޔުއްވުމުގައި ވިދާޅުވެފައި ވަނީ އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާ މައިގަނޑު ދެކަމަކީ ޖަލުގެ އަނިޔާ އާއި ކޮރަޕްޝަން ހުއްޓުވުން ކަމަށެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޖަލުތަކުގައި ސީދާ ކުރާ އަނިޔާތައް ވަރަށް މަދުވެއްޖެ ކަމަށާއި އެއީ އެމްޑީޕީގެ މަސައްކަތް ކަމަށް ވިދާޅުވެފައިވެ އެވެ.
ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ސަރުކާރަށް ކުޑަ ވެސް ހީނަރު ކަމެއް އައުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނެ ނިޒާމަކީ ވެސް ނިޒާމު ކަމަށް ވިދާޅުވި އެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރު ލިބުމުގެ ކަށަވަރު މަގަކީވެސް ބަރުލަމާނީ ނިޒާމްކަމަށް ވިދާޅުވެފައިވެ އެވެ.
ނަޝީދުގެ މަޒުމޫނުގައި ވިދާޅުވީ ގައުމުގެ ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ ދަންނާވާނެ ކަމަށެވެ. އަދި މިވަގުތު ކުރަން ހުރި އެހެން މަސައްކަތްތައް މަދު ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް