މިހާތަނަށް އެއްވެސް ސަރުކާރަކަށް ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާއި ނުލައި ވެރިކަމަށް އާދެވިފައި ނުވާނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި އަލަށް ގުޅުނު މެމްބަރުންތަކެއް ސޮއިކުރުމަށް ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައެވެ.
ކޮންމެ ގޮތަކުން ބެލިނަމަވެސް ޖޭޕީ ތިނަކަށް ވުރެ ދަށަށް ނުދާކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދެވަނައަށް ވެސް އަދި އެޕާޓީ ދާނެ ކަމުގައެވެ. ރާއްޖޭގެ ރައްޔިތުން ހުރިހާ ޕާޓީ އަކަށްވެސް ފުރުސަތު ދޭނެ ކަމަށާއި، އެއިން ކޮންމެ ފުރުސަތެއް ދިން ސަރުކާރެއް ވެރިކަން ކުރީ ޖޭޕީގެވެސް ބައިވެރިވުމާ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ޖޭޕީން ވާދަކުރައްވާނެ ކަމަށް ރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ ވިދާޅުވިއެވެ.
"2023 ވަނަ އަހަރު މި ޕާޓީން ނުކުންނާނެ ރައީސް ކަމަށް ވާދަކުރަން. އެއީ ދެން ކަށަވަރުކަމެއް. އެކަމަކު އެއީ ކާކުކަން، އެއީ އަޅުގަނޑުތޯ ނުވަތަ އެހެން މީހަކުތޯ ކަނޑައަޅާނީ ޕާޓީގެ މެމްބަރުން. އަޅުގަނޑެއް ނޫން" ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި 2008 އަދި 2013 ވަނަ އަހަރު ގާސިމް ވަނީ ރިޔާސީ އިންތިޙާބުގައި ވާދަކުރައްވާފައެވެ. ނަމަވެސް ދެ އިންތިހާބު ވެސް ނާކާމިޔާބުވެ، ލިބިވަޑައިގެންނެވީ ތިންވަނަ އެވެ. 2013 ވަނަ އަހަރު ބޭއްވި ދެވަނަ ބުރުގެ އިންތިހާބުގައި ގާސިމް ތާއީދު ކުރެއްވި ޕާޓީ ވެރިކަމަށް އައި އިރު، 2018 ގެ އިންތިހާބު ވެސް ކާމިޔާބުކުރެއްވީ ގާސިމް ތާއީދު ކުރެއްވި ޕާޓީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް