މި ސަރުކާރު ފެށިގެން އައި އިރު ދިވެހި ނޫސްވެރިކަން އޮތީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަމުގެ އެވޯޑް 2018 ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުން ނޫސްވެރިކަމުގެ ހައްޤު ރައްކާތެރިކޮށްދީފައިވާނެ ކަމަށާއި، މިސަރުކާރަށް ނުވަ މަސް ފުރިގެން މިދަނީ ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަމާ އެކުކަމަށެވެ. މިސަރުކާރު އައުމުގެ ކުރިން އޭރު ނޫސްވެރި ކަމަށް ހުރި ގޮންޖެހުންތަކާއި ނޫސްވެރިކަން އޭރު އޮތް ހާލަތުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައިފައެވެ.
ނޫސްވެރިންނަށް މިނިވަންކަން ދިނުމުން މިސަރުކާރަށް ވަރަށް ފައިދާ ކުރާކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މިސަރުކާރު ދެމިއޮތްހާ ދުވަހަކު ސަރުކާރާ އިދިކޮޅު މީޑިއާއެއް ނޯންނާނެކަމުގެ ޔަޤީންކަން އަރުވާކަމުގައެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ނޫސްވެރިންގެ ޚިޔާލާއި ފާޑުކިޔުންތައް ސަރުކާރުން ކިޔައި އަޑުއަހައި ސަރުކާރުން ކުރިޔަށްދަނީ ފާޑުކިޔުންތަކުގެ އަލީގައި، ދައުލަތް ހިންގުމުގެ ކަންކަން އިސްލާހް ކުރަމުންކަމަށެވެ.
ނޫސްވެރިކަމަކީ ޑިކޮމްރެސީގެ އެއްތަނބުކަން ފާހަގަކުރައްވައި ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުކޮށް، ޤައުމުގެ ކަންކަން އިސްލާޙް ކުރުމުގައި ނޫސްވެރިންގެ ދައުރު ވަރަށް މުހިންމުކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިނިވަންކަމާއެކު ހަރަކާތްތެރިވާ ޑިމޮކްރެސީގެ އުސޫލުތައް ދަމަހައްޓާ މީޑިއާއެއް އޮތުމަކީ، ޑިމޮކްރެސީއެއް އުފެދި އަށަގެންނެވުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނޫސްވެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް މީޑިޔާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަކީ 2014 އިން ފެށިގެން ދެމުން އަންނަ އިނާމެކެވެ. ރޭގެ ހަފްލާގައި ނޫސްވެރިކަމުގެ އެކި ދާއިރާތަކުން އެވޯޑު ހާސިލްކުރި ނޫސްވެރިންނަށް ވަނީ އެވޯޑު ހަވާލުކޮށްފައެވެ. އަދި ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން 12 ފަރާތަކަށް ވަނީ ލިބިފައެވެ. މީގެ އިތުރުން، ނޫސްވެރިކަމުގެ އަލިމަސް ގަލަން ނުވަ ފަރާތަކަށް ލިބުނުއިރު، ނޫސްވެރިކަމުގެ ރަންގަލަން 12 ފަރާތަކަށް ވަނީ ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް