މިއީ ވައުދުތަކާއި އަހުދުތައް އޮއްސަމުންދާ ދުވަސްކޮޅެކެވެ. އިންތިހާބަށް ކުރިމަތިލައްވާފައިވާ ރިޔާސީ ދެ ކެންޑިޑޭޓުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އަބްދުﷲ ޔާމީންވެސް ބޮޑެތި ވައުދުތައް ވަމުން އެބަ ގެންދަވައެވެ.
ހަމައެއާއި އެކު ރަށްރަށަށް އެ ދެ ބޭފުޅުން ކެމްޕެއިނަށް ވަޑައިގެންނެވުމުން ރައްޔިތުން އިތުރު އެތައް ކަމަށް އެދެމުން އެބަދެ އެވެ. އާބާދީ އާއި ނުބައްދަލު އެތައް ކަމެކެވެ. އޭގެ ތެރޭގައި އެއާޕޯޓުތައް އަޅައި ދިނުމަށާއި ބްރިޖު އަޅައި ދިނުމަކީ މި އިންތިހާބުގައި އެންމެ އާންމު ވައުދާއި ރައްޔިތުންގެ އެދުމެވެ.
އިންތިހާބުގައި ރަށްރަށަށް ވަޑައިގެން ރައީސް ޔާމީން އެއާޕޯޓެއް އޮތް އަތޮޅެއްގައި މިހާރު އިތުރު ދެ އެއާޕޯޓު އަޅަން ވައުދުވެވަޑައިގެންފި އެވެ. އިބޫ ވެސް ވަނީ ދެ އަތޮޅެއްގައި ރަށްތަކެއް ބްރިޖުން ގުޅާލަދޭނެ ކަމަށް ވިދާޅުވެފައި އެވެ.
އިބޫ ގެންދަނީ އެހެން ވައުދެއްވެސް ވެވަޑައިގެންނަވަމުންނެވެ. ހުރިހާ ރަށެއްގައި ލެބޯޓްރީއާއި ފަޅު ތިލަނުވާނެ ގޮތެއް ހަދައި ދިނުމާއި ތައުލީމީ ނިޒާމު ރަނގަޅު ކޮށްދިނުމެވެ.
ދަންނަވަން ހެއްޔެވެ. އެއަށްވުރެ ރައްޔިތުންނަށް ފައިދާ ކުރާނެ ފަސޭހައިން އަތޮޅު ތެރެ ތަރައްގީ ކުރެވޭނެ ގޮތެއް އެބަ އޮތެވެ. އެ ސިޔާސަތު ކޮންމެސް ވަރަކަށް ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމް ތަންފީޒު ކުރެއްވި އެވެ.
އާބާދީ ކުދި ރަށްތަކުގައި އެންމެ 500 މީހުންނަށް ސިއްހީ މަރުކަޒަކާއި، ގްރޭޑް 12 އަށް ކިޔަވައިދޭނެ ސްކޫލަކާއި ބޮޑު ދެ މިސްކިތާއި، އިންޖީނުގެއެއް އެޅުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ. ކޮންމެ ދެ އަހަރަކުން އެއް އަހަރު ހަދާފައި އޮންނަ ބަނދަރު މަރާމާތުކޮށް ނުވަތަ ފުން ކުރުމަށް މިލިއަނުން ހަރަދު ކުރުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ.
އެހުރިހާ އިދާރާތަކުގައި މަސައްކަތް ކުރާނެ މުވައްޒަފުންގެ މުސާރައިން އާބާދީ ބޮޑެތި ރަށްތަކަށް ކުދި އާބާދީތަކުގައި ދިރިއުޅެމުންދާ މީހުން ބަދަލު ކުރުމަށް ހަރަދު ކުރުން މާ މުހިންމު ވާނެ އެވެ. އޭރުން އަތޮޅު ތެރޭގެ ރައްޔިތުންނަށް ނައިސްގެން އެ އުޅޭ ތަރައްގީ ގެނެސްދޭން އެއިރެއްގައި އޮންނަ ސަރުކާރަކަށް ފަސޭހަވާނެކަން ޔަގީނެވެ.
ރައީސް މައުމޫންގެ ދައުރުގައި ބައެއް ކުދި އާބާދީތައް ބޮޑެތި އާބާދީތައް ދިރިއުޅޭ ރަށްރަށަށް ބަދަލު ކުރުމަށް ނިންމުމުން އޭރު ސަރުކާރާއި ދެކޮޅަށް ނުކުތެވެ. އެކަމަކު އެމީހުން މިއަދު ބުނަމުންދަނީ މިއަދު ގަދަކަމުން ނަމަވެސް އެ ރަށަރަށް ގެނައީތީ އުފާކުރާ ކަމަށެވެ. އަދި ދިރިއުޅުން ފަސޭހަ ވެއްޖެ ކަމަށެވެ.
ތަރައްގީ ގެނެސްދެވޭނީ ރައްޔިތުންވެސް ގޮތް ދޫކޮށްގެންނެވެ. ވަކިވަކި ރަށްރަށުގައި ބޮޑެތި ޕްރޮޖެކްޓުތައް ހިންގައި ދިނުމަށް އެދުމުގެ ބަދަލުގައި އެދެންވީ ބޮޑު އާބާދިއެއް އޮތް ރަށަކަށް ބަދަލު ކޮށްދިނުމަށެވެ. ތި އެދެމުންދާ ކަންކަން ކުދި ރަށްތަކަށް ކޮށްދީގެން އެކަމުން ފައިދާ އެއް ނުވާނެ އެވެ.
އާބާދީ ކުދި ރަށްރަށުން ހިދުމަތްތައް ނުލިބިގެން ރާއްޖެތެރޭ މީހުން މާލެ ބަދަލު ވަނީ ވާން ޖެހޭތީ އެވެ. ވިލިމާލެ 2 މަޝްރޫއު އިއުލާނު ކުރުމުން އިދިކޮޅު ފަރާތްތަކުން ބުނީ އެއީ ރާއްޖެ ތެރޭ މީހުން މާލެ ގެނެސް ތޮއްޖެއްސުމަށް ކުރާ ހިންގާ މަޝްރޫއުއެއް ކަމަށެވެ. އިދިކޮޅުން ވެރިކަމުގައި ތިބެ އެކަން ކުރިނަމަ ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން އެހެން ބުނާނެކަންވެސް ކަށަވަރެވެ.
އެކަމަކު ހަގީގަތަކީ މިއަދު ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް އޭގެ އެންމެ ރަނގަޅު ގޮތުގައި އާބާދީ ކުދި ރަށްރަށުގައި ލިބެން ނެތް ކަމެވެ. އެހެންވީމަ ވިލިމާލެ 2 މަޝްރޫއު އަކީ ގޯސް މަޝްރޫއު އެކޭ ބުނެވޭކަށް ނެތެވެ.
އެހެންކަމުން ހެޔޮވިސްނޭ އިންސާފާއި އެކު ތަރައްގީ ބޭނުންވާ ކޮންމެ މީހަކުވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ވަކިވަކި ރަށްރަށް ކަންކަން ކޮށްދިނުމުގެ ބަދަލުގައި މޮޅު އަދި ހުރިހާ ރައްޔިތުންނަށް ފައިދާ ހުރި ގޮތަކީ އާބާދީ ބޮޑެތި ރަށްތަކަށް ބަދަލުވެ ޒަމާނީ ހިދުމަތްތައް ލިބިގަތުމެވެ. އަދި ދެން އަންނަ ސަރުކާރަކުންވެސް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގެންގުޅެންވީ މި ސިޔާސަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް