އަބުރުގެ ގާނޫނު އުވާލައި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދޭނަން: އިބޫ

އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު ކަމަށް ބުނެ ސަރުކާރު ހިންގާ ޕީޕީއެމްއިން ފާސްކުރި ގާނޫނު އިދިކޮޅު ވެރިކަމެއްގައި އުވާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބް...

16 Sep 2018 | 03:08

އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު ކަމަށް ބުނެ ސަރުކާރު ހިންގާ ޕީޕީއެމްއިން ފާސްކުރި ގާނޫނު އިދިކޮޅު ވެރިކަމެއްގައި އުވާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސް ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި އިބޫ ޓެގް ކުރައްވައި އެ ޖަމިއްޔާއިން ކުރި ޓްވީޓުގައި ބުނީ އެ ދެ ބޭފުޅުން ތިން ކަމަކަށް ވައުދުވެވަޑައިގަންނަން ޖެހޭނެ ކަމަށެވެ.

އެ ކަންކަމަކީ އަބުރުގެ ގާނޫނު އުވާލުމާއި ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅި ފަރާތްތަކަށް ދައުވާ ކުރުމުުގެ އިތުރުން ރިލްވާނާއި ޔާމީންގެ މައްސަލަ އަލުން ތަހުގީގުކުރުމެވެ.

އޭގެ ޖަވާބުގައި އިބޫ ވިދާޅުވީ އަބުރުގެ ގާނޫނު އުވާލައި ނޫސްވެރިކަމުގެ މިނިވަންކަމަށް ފަހި މާހައުލެއް ހޯދައިދޭނެ ކަމަށެވެ. އަދި ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އަހުމަދާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރާނެ ކަމަށެވެ.

އަބުރުގެ ގާނޫނަކީ ސަރުކާރުން ހިންގާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ޖަރީމާތައް ފޮރުވުަމަށް ހެދި ގާނޫނެއް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ ގާނޫނުގެ ދަށުން މިހާތަނަށް ރާއްޖެ ޓީވީ ފަސް ފަހަރަށް ޖޫރިމަނާ ކޮށްފައިވާއިރު ސަންގު ޓީވީ އާއި ވީމީޑިއާ ވަނީ ޖޫރިމަނާ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް