ހެނދުނުގެ ހިތްގައިމު ވަގުތެވެ. މާލޭގޭ މަގުތަކުން ފެންނަނީ ކާރުބާރު ބޮޑުކަމެވެ. ކިޔަވާ ކުދިން ގޮވައިގެން ބެލެނިވެރިން ސްކޫލްތަކާ ދިމާއަށް މިސްރާބު ޖަހާއިރު، ދެ ކަންފަތަށް ހެޑްސެޓް ޖަހައިގެން ފޮނިފޮނިކޮށް ހިނގާލާފައި ވަޒީފާތަކަށް ދާ ޒުވާންކުދިން ވެސް ވަކި މަދެއްނޫނެވެ. ސައިކަލްތަކުގައި ދާ މީހުން އަދި މާ ގިނައެވެ. އެންމެން ވެސް ދަނީ ނުލާހިކު ހަލުވިމިނެއްގައެވެ. ހީވާގޮތުން ގަޑި ކުޑަތަންވަނީއެވެ.
އޮފީހަށް ވަދެގެން އައި ނިހާ، އާދައިގެ ހިނގުމެއްގައި ދިޔައީ، އޭނާއަށް ޚާއްސަ ކުރެވިފައިވާ މޭޒުދޮށަށެވެ. ފޯނު ބޭއްވުމަށްފަހު، މޭޒުގައި ބޯ އަޅާލީ، މި ވަގުތު މަސައްކަތެއް ކުރާ ހިތް ނުވާތީއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ފެންވަރާ ތާޒާވެގެން އައި ނިހާއަށް މިހާރު އޭގެ އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ. ވަރުބަލިގޮތަކަށް ލޯ މަރައިލާ، ބަނޑުގައި އަތްކާއްތާލީ ބޭއިޚްތިޔާރުގައެވެ. ދެ ހަފްތާ ވެފައިވާ ބަނޑު، ކިތައްމެ ކުޑަކަމުގައިވިޔަސް މާބަނޑު ކަމުގެ އިހުސާސް ނިހާއަށް އެންމެ ރަނގަޅަށް ކުރަމުންދެއެވެ. އެހެން އޮތްއިރު، ނިހާގެ ވިސްނުންހުރީ، ހަޔާތުގައި ދިމާވެފައިވާ އަޑިގުޑަން ހައްލުކުރާނެ ގޮތަކާމެދުގައެވެ. އިތުރު މީހަކަށް އެ ކަންތައްތައް އެނގޭކަށް ޚުދު ނިހާ ވެސް ބޭނުމެއް ނޫނެވެ. އެހެންކަމުން ނިހާ އަށް ވިސްނެމުންދިޔައީ އެންމެ ގޯސް ގޮތެއް އިޚުތިޔާރު ކުރުމަށެވެ.
އޮފީހުގެ މަސައްކަތްތައް ކޮންމެ ވެސް ވަރަކަށް ނިންމުމަށްފަހު ގެއަށް ދިޔައީ ފޫހިވެފައި ހުރެގެންނެވެ. މިހާރަކަށް އަހިސް ނިހާ ހިތްހަމަ ޖެހޭ އެއްވެސް ތާކަށް ނުދެވެއެވެ. ހިނގާލަން ނުކުތުމުން އިހުސާސް ވަނީ އެކަނިވެރިކަމެވެ. އޮފީހަށް ދަނީ ވަޒީފާ އަދާކުރަން ޖެހޭތީއެވެ. ގެއަށް އައުމަށްފަހުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. މާބަނޑު ދުވަސްވަރު އެންމެ ބޮޑަށް އޯގާތެރިކަން ބޭނުންވާ ފިރިމީހާ ދެކިލުމަށް ހިތް އެދިއެދި އޮތްވާ ނިދެނީ މަދު ރެއަކުނޫނެވެ. ހަގީގަތް އެނގި ހުރެވެސް އެއްވެސް ވާހަކައެއް ރިލްވާން ކައިރީ ނާހާވޭތޯ ނިހާ މަސައްކަތްކުރެއެވެ. ނިހާ ރިލްވާން ދެކެ ވާ ލޯބި އިހުސާސްވެގެން، އަމިއްލައަށް ރިލްވާން އެ ވާހަކަ ދައްކާނެ ދުވަހަކަށް ނިހާ އިންތިޒާރު ކުރަމުންދަނީ ކެތްތެރިކަމެއް ނެތިއެވެ. ނަމަވެސް ގިނަ ދުވަސް ވީވީހެން ނިހާގެ ހިތުގައި ރިލްވާނަށް އޮތް ލޯބި ފަނޑުވާކަން ޚުދު ނިހާއަށް ވެސް އެނގެއެވެ.
ފާއިތުވެ ދިޔަ ހަފްތާގެ ތެރޭގައި ނިހާއަށް ވިސްނެނީ އިތުރު ދެވަނަ ކަމަކާ މެދުގައެއް ނޫނެވެ. ބަނޑުގައިވާ، ނިހާ އާއި ރިލްވާންގެ ދަރިފުޅާ މެދުގައެވެ. ވިސްނެނީއެއްނޫނެވެ. ހިތްހަމަ ނުޖެހެނީއެވެ. ނިހާގެ ބަނޑުން ރިލްވާންގެ ދަރިއެއް އުފަންކުރަން ނިހާ މިހާރު ބޭނުން ނުވާ ކަހަލައެވެ. ނިހާ އަމިއްލަ ނަފްސަށް ވިސްނާދެއެވެ. އެއީ ކެހިވެރިއެކެވެ. ނިހާގެ ދަރިއެއް އެ ކަހަލަ ނުބައި މީހަކަށް ބައްޕަ ކިޔާކަށް ނިހާ ބޭނުމެއް ނޫނެވެ. މި ދުނިޔޭގައި ރަނގަޅު ފިރިހެނުން ވެސް އުޅެއެވެ. ރިލްވާން ބޭނުންވާ ގޮތަކަށް އުޅެން، އެ ހާލާއިގެން ރިލްވާން ދޫކޮށްލިއްޔާ މާ ރަނގަޅުވާނެއެވެ. އެ މީހަކު ނޫޅޭ ވަރަކުން އުޅުމުން ތިމާއަށް ލިބެނީ ކޮންއެއްޗެއް ހެއްޔެވެ؟
ނިހާގެ ނިންމުން ވަރަށް ސާފެވެ. ބަނޑުގައިވާ ދަރިފުޅު އުފަން ނުކުރުމަށެވެ. 'އެބޯޝަން' އަކީ ރިލްވާން ނިހާއަށް ދިން އަނިޔާގެ ބަދަލެވެ. ނިހާ އެ ދަރިފުޅު އެބޯޓް ކުރާނެއެވެ. އަދި ރިލްވާން ކައިރިން މިނިވަން ވާނެއެވެ. އެއަށްފަހު އެހެން މީހަކާ އިންނާނީއެވެ. ލޯބިލޯބި ދަރިއެއް ވެސް ހޯދާނީއެވެ. ވަރަށް އުފާވެރި ހަޔާތެއް ވޭތުކުރާނީއެވެ. ނިހާގެ ޅަ ސިކުނޑިން ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ރާވާ ނިންމާލިއެވެ. އަދި މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ.
ދަރިފުޅު ވައްޓާލުމުގެ ކަންތަކުގައި އުޅުނު އިރު ނިހާގެ ހަނދާނަށް އަންނަމުންދިޔައީ ރިލްވާން ނިހާއާ ދޭތެރޭގައި އިހުމާލު ވީވަރެވެ. އެކި ފަހަރު އެކި އަންހެންކުދިންނާއެކު މަގުތައް މަތިންނާއި ރެސްޓޯރެންޓްތަކުން ފެންނަ ވާހަކަ ނިހާއަށް ހަމައެކަނި އަޑު އިވެނީއެއްނޫނެވެ. ރައްޓެހިންނަށް އެ މަންޒަރު ފެނި، ބައެއްމީހުން ވީޑިއޯ ކޯލް ކޮށްފައި ސިއްރުން ދައްކާފައި އެބަ ހުއްޓެވެ. ޚުދު ނިހާގެ ދެ ލޮލުން އެންމެ ފަހުން ވެސް ދެކުނީ ބްރިޖް މަތިން ރިލްވާން އަންހެންކުއްޖެއް ގަޔާ ކައިރިކޮށްލައިގެން ދަނިކޮށެވެ. ހިތުގައި ޖެހުނުވަރުން ހިނގުން މަޑުކޮށްލައިގެން ނިހާއަށް ހުރެވުނީ ކިހާއިރަކު ކަމެއް ވެސް ނޭނގެއެވެ. ކުރިއަށް ހިނގައިގަތީ، އެކުވެރި ރިޝްމާ ފަހަތުން ފިރުމާލީމައެވެ. މީހުންނަށް ފެނުނަސް ރިލްވާންގެ ފަރުވާލެއް ނެތް ކަހަލައެވެ. އުޅޭނެ ގޮތަކަށް އުޅެނީ ފާޅުގައެވެ. ރިލްވާންގެ ފޯނުގެ ޕާސްވޯޑް ނިހާއަށް އެނގޭނެކަން ރިލްވާނަށް އޮޅިފައެއްނުވާނެވެ. ނަމަވެސް މެސެޖްތަކާއި ކޯލްތައް އެއްވެސް ފޮރުވުމެއްނެތި ރިލްވާންގެ ފޯނުގައި ހުރެއެވެ. ނިހާ އެ އެއްޗެހި ބަލާ ވެސް މެއެވެ.
ރޮނގަކަށް ލޮލުން ފައިބާލި ކަރުނަތައް ނިހާ ފޮހެލީ، ހަޔާތުގެ އެ ޞަފްޙާ ވެސް 'ދަރިފުޅެކޭ' އެއްގޮތަށް ހިތުން ފޮހެލުމުގެ އަޒުމެއްގައެވެ. ނަމަވެސް ނިހާއަށް ނުވިސްނުނީ، އެ މީހަކު ރާވާ ގޮތަށް ހުރިހާ ފަހަރު ކަންތައްތައް ނުވާނެކަމެވެ. ތަޤްދީރުގައި ރޭވިފައިވާ ގޮތެއް އެކަކަށް ވެސް ނޭނގޭނެއެވެ. އަދި ތަޤްދީރުގައިވާ ގޮތާއި، އެ މީހަކު އަމިއްލައަށް ނިންމާފައިވާ ގޮތާ، ހުރިހާ ފަހަރު ދިމަލެއް ނުވާނެއެވެ.
ނިހާ ބޭނުންވިގޮތަށް، ރިލްވާން ކައިރިން މިނިވަންވިއެވެ. އަދި ބަނޑުގައިވާ ދަރިފުޅު އެބޯޓް ވެސް ކޮށްލެވުނެވެ. ނަމަވެސް ދެން ކަންތައް ވީ ނިހާ ހީވެސް ނުކުރާ ކަހަލަ ގޮތެކެވެ. ދުވަހަކު ވެސް ވިސްނިފައި ވެސް ނުވާ ކަމެކެވެ. ބޭރުގެ ގައުމެއްގައި އެބޯޝަން ހެދީ، އިތުރު އޮޕަރޭޝަންތަކެއް ކުރަން ޖެހިދާނެކަމަށް ނޫނެވެ. އަދި އެފަދަ ހިތި ގޮތަކަށް ނިމުން އަހިސްދާނެކަމަކަށް ވެސް ނޫނެވެ. ކުރިން މިކަމުގެ ހިލަމެއް ވެސް ވީ ނަމަ ނިހާ އެބޯޝަން ނަހަދާނެއެވެ.
ނިހާ ދެކެމުންއައި ކުލަ ނުޖެހޭ ހުވަފެންތައް ފުނޑުފުނޑުވީ، ކުރަން ޖެހުނު އޮޕަރޭޝަންތައް ނިމުމުން، އިތުރަށް ނިހާއަށް ކުދިން ނުލިބޭނެކަން އެނގުނު ހިސާބުންނެވެ. ރިވްލާންގެ އަދަބެއްގެ ގޮތުން، ތުއްތު ކުއްޖެއް ގުރުބާންކޮށްލީއެވެ. ނިހާއަށް މި ލިބުނީ އެކަމުގެ އަދަބެވެ. ދުވަހަކު ވެސް ހިތުން ނުފިލާނެ ހިތްދަތިކަމެކެވެ. ނިހާ ހިތަށް އެރިއެވެ. ރިލްވާން ކައިރިން ވަރިވިޔަސް، ދަރިފުޅު އުފަންކުރެވުނު ނަމައެވެ. އޭރުން މަންމާއޭ ކިޔާ ގޮވާލާނެ ކުއްޖެއް ނިހާއާއެކު ވާނެއެވެ.
ރަސްފަންނަށް މީހުން މޫދަށް އެރޭ ތަން ބަލަން ނިހާ އިނީ ކުރެވުނު ކަންތަކާ ލަދުގަނެ، ދެރަ ވެސް ވެފައެވެ. ހިތުގައި ޖެހިފައިވާ ވަރު، އެ މޫނަށް ބަލައިލިޔަސް އެނގެއެވެ. މިލާފައިވާ މޫނަށް ބަލައިލުމުން، މީން ޒަމާނަކު ވެސް ނިހާ ހިނިތުން ނުވާކަން ޔަޤީންވާނެއެވެ. އެހެން އިނދެފައި ނިހާ، އޭނާގެ ބަނޑުގައި އަތްކާއްތާލިއެވެ. ބަނޑު ބޮޑުވާތީއެއް ނޫނެވެ. ދެން އެ ބަނޑުން އިތުރު ވިންދެއް ނުޖަހާނެތީއެވެ. ނިހާގެ ހަޔާތުގެ އެ ބާބަށް މުޅިން އަލްވަދާޢު ކީތީއެވެ. މޮޅިވެރި ހަޔާތަކަށް މަރުހަބާކީ އެކަނިވެރިކަމާއެކީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް