ކުރިޔަށް އޮތް ފަސް އަހަރަށް ސަރުކާރުން އިއުލާނުކޮށްފައިވާ ވިލިމާލެ 2 މަޝްރޫއު އާއި އެކު ދިވެހި ޒުވާނުންގެ ބޮޑެތި އުންމީދުތައް ފުރިހަމަ ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ވިލިމާލޭ މުހިއްދީން ސްކޫލްގައި ރޭ ޕީޕީއެމްއިން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވިލިމާލެ 2 މަޝްރޫއު ނިމޭއިރު އެއީ ޒުވާނުންގެ "މަދީނާ" އަކަށް ވާނެ ކަމަށެވެ. އެގޮތުން ޒުވާނުން ބޭނުންވާ ގިނަ ހިދުމަތްތަކެއް ދުނިޔޭގެ ފެންވަރުގައި ލިބޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ވިލިމާލެ 2 ގައި ޒުވާނުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ރޭސިން ޓްރެކެއް ހައްދަވާނެ ކަމަށެވެ. ރޭސިން އަކީ ދިވެހި އެތައް ހާސް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލް ކުޅިވަރެއް ކަމަށް ވިދާޅުވި އެވެ.
"ރޭސިންއަކީ ދިވެހި ޒުވާނުންގެ ވަރަށް ވަރުގަދަ ޝައުގުވެރިކަމެއް މިހާތަނަށް އޮތް ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. ރޭސިންގައި އުޅޭ ހުރިހާ ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ ވިލިމާލޭގައި ހުރެގެން އަޅުގަނޑުގެ އުއްމީދީ މަޝްރޫއަކަށް އޮތީ ވިލިމާލެ 2 ކަނޑައަޅާފައި. މި އަންނަ ފަސް އަހަރުގެ ޓާމްގައި ބައިނަލްއަގުވާމީ ފެންވަރުގެ ރޭސިން ޓްރެކެއް ވިލިމާލެ 2ގައި އޮންނާނެ ވާހަކަ ރޭސިންގެ ޝައުގުވެރިކަން އޮންނަ ކުދިންނަށް އިއުލާންކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޒުވާނުންގެ މެދުގައި މަގުބޫލު ރާޅާ އެޅުމަށް މިހާރު ހާއްސަކޮށްފައިވާ ތަނބުރުދޫ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ކުރިޔަށް އޮޮތް ފަސް އަހަރު ތެރޭގައި ގާއިމްކޮށްދޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ކުޅިވަރަކީ ސިޔާސީ ހިޔާލުތަކުގެ މައްޗަށް ނުފޫޒު ފޯރުވައި، އެންމެން އެކަތިގަނޑަކަށް ހަދާ ހަރަކާތެއް ކަމަށެވެ.
ރައީސް ވިދާޅުވީ ކުޅިވަރަކީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަން ޖެހޭ ގައުމީ ލޯބި އޮންނަކަން ދައްކައިދޭ ހަރަކާތް ކަމަށެވެ. އަދި ފުޓުބޯޅާގައި ހުރި ފުރުސަތުތައް އެހެން ކުޅިވަރުތަކުގައި ވެސް އެބަހުރި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް