ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ ބަތަލާއިންނަށް ބަލައިލާއިރު ކަރީނާ ކަޕޫރަކީ އަބަދުވެސް ވަރަށް ފިޓްކޮށް، ލޫޅާފަތިކޮށް ހުންނަ ބަތަލާއެކެވެ.
ދަރިއަކު ލިބި މަންމައަކަށް ވީ ނަމަވެސް ލޫޅާފަތިކަމަށް ބަދަލެއް ނާންނަ ސަބަބަކީ ކަރީނާގެ ކެއުމުގެ ވައްޓަފާޅިއާއި ކަސްރަތު ކުރުމަށް ގެންގުޅޭ ޝެޑިއުލް ކަމަށް އޭނާ ބުނެފައިވެއެވެ.
ބެބޯގެ ނަމުން މަޝްހޫރު، އުމުރުން 39 އަހަރުގެ ކަރީނާ ކަޕޫރު ހެނދުނުގެ ނާސްތާއަށް އަބަދުވެސް ހިޔާރު ކުރަނީ ލުއި، ނަމަވެސް ހަށިގަނޑަށް ފައިދާހުރި ކެއުމެއް ކަމަށް ބުނެފައިވެއެވެ. އެގޮތުން އޭނާ ހެނދުނުގެ ނާސްތާއަށް އިންސާފުކުރަނީ ހެނދުނު 09:00 އާއި ހެނދުނު 10:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށާއި އާންމުގޮެއްތައި ހެނދުނުގެ ނާސްތާއަކީ ފެނުލާފައި ހުންނަ އަލްމަންޑާއި ދޮންކެޔޮ ވަކެއް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެއަށްފަހު ދަނީ ކަސްރަތަށް ކަމުގައިވެސް ބުނެފައިވެއެވެ.
ކަރީނާ ކަޕޫރު ޚާން އަކީ ވެޖިޓޭރިއަން އެކެވެ. މެންދުރުގެ ކެއުމަށް ބަތް، ޕާޕަރު އަދި އަސާރަ ހިޔާރު ކުރެއެވެ. އަދި ބައެއް ދުވަސް ދުވަހު ޕަނީރް ސަބްޒީ އަދި ރޮށި ހިޔާރުކުރާ ކަމަށް ބުނެފައިވެއެވެ. އާންމުގޮތެއްގައި މެންދުރު 12 ޖަހާއިރު މެންދުރުގެ ކެއުމަށް އިންސާފުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
މެންދުރުގެ ކެއުމުގެ އިތުރުން މެންދުރު ފަހު ދެއަކާއި ތިނަކާއި ދެމެދުގެ ވަގުތެއްގައި ދޮން ފަޅޮލެއް، ނުވަތަ ޕީނަޓްކޮޅެއް ކާ ކަމަށާއި ފިލްމުގެ ޝޫޓިންތައް ކުރިއަށްދާއިރުވެސް ބައެއް ކަހަލަ ނަޓްސް ގެންގުޅޭކަމަށް ކަރީނާ ބުނެފައިވެއެވެ.
ރޭގަނޑުގެ ނާސްތާއަށްވެސް ސިއްހަތަށް ފައިދާހުރި، ކެލްސިމް އާއި ވިޓަމިން ގިނަ ކެއުމެއް ހިޔާރުކުރާއިރު ދިފާއީ ނިޒާމު ރަނގަޅު ކުރުމަށާއި ސިއްހީ ފައިދާއަށްޓަކައި ކޮންމެ ދުވަހަކު ރީނދުލާއި މިލްކު އެއްކޮށްގެން "ހަލްދީ ދޫދު" ތައްޓެއް ބޯލާކަމަށްވެސް ކަރީނާ ބުނެފައިވެއެވެ.
ކަސްރަތު ކުރުމުގައި ކަރީނާ އާންމުގޮތެއްގައި ޓްރެޑްމިލް ހިޔާރުކުރާއިރު ދުވާލަކު މަދުވެގެން 30 ވަރަކަށް މިނެޓް ޔޯގާ ކުރާ ކަމަށާއި ނަމަވެސް ކޮންމެ އާދީއްތަ ދުވަހަކީ ކަސްރަތު ނުކުރާ ދުވަހެއް ކަމުގައިވެސް ބުނެފައިވެއެވެ.
ކައިވެނިކޮށް ދަރިއަކު ލިބިފައިވާއިރު ފިލްމީ ދާއިރާއިން ކަރީނާ ފެންނަލެއް މަދު ނަމަވެސް އަހަރު ފިލްމެއް ދެފިލްމު ވަރު ކަރީނާ ކުޅެއެވެ. އެގޮތުން މިއަހަރުވެސް ކަރީނާގެ އެއް ފިލްމު ވަނީ ރިލީޒް ކޮށްފައެވެ. އެއީ އަންގްރޭޒީ މީޑިއަމް އެވެ. އިތުރު ފިލްމެއްގެ ޝޫޓިން ދަނީ ކުރިއަށެވެ. އެއީ ލާލް ސިންގް ޗައްޑާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް