ރޭ ދަންވަރުގެ ވަގުތެއްގައި މާލޭގައި ފިހާރައެއް ފަޅާލައިގެން އެ ފިހާރައިން ވައްކަން ކުރަން އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހަތަރު މީހަކު ހައްޔަރު ކުރީ ކަރަންކާ މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން އެ ފިހާރައިން ވައްކަން ކުރަން އުޅޭކަން ރޭ ދަންވަރު 02:48 ހާއިރު ފުލުހުންނަށް ހުށަހެޅުމުން ކަމަށެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ހަތަރު މީހަކު ދުވެފައިދަނިކޮށް ފެނިގެން އެ މީހުން ފަހަތުން ގޮސް ހުއްޓުވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސްކުރިއިރު އެމީހުންގެ އަތުން ފިހާރައިން ވަގަށް ނަގާފައިވާ ތަކެތި ފެނިފައިވެއެވެ.
އެގޮތުން 748 ރުފިޔާ 35 ލާރިއާއި އިންޑިއަން 10 ރުފީސް އާއި ފަސް ދިރުހަމާއި ނޮކިއާ ބްރޭންޑްގެ ފޯނެއްގެ އިތުރުން އަތުގައި އަޅާގަޑިއަކާއި ކެމެލް ހާޑް ސިނގިރޭޓު ފޮއްޓެއް އެމީހުންގެ އަތުން ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 28 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ހަތަރު ފިރިހެނުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް