އިސްލާމީ މަރުކަޒުގައި ސިޔާސީ ހަރަކާތް ހިންގާކަމަށްބުނެ ޑރ. ޝަހީމަށް ފާޑުކިޔުން

ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު މިހާރު ގދ. ތިނަދުއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ ރަށުގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒު ސިޔާސީ ގޮތު...

16 Aug 2018 | 17:13

ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު މިހާރު ގދ. ތިނަދުއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ ރަށުގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒު ސިޔާސީ ގޮތުން ބޭނުންކުރާކަމަށްބުނެ ސޯޝަލް މީޑިއާގައި ޑރ. ޝަހީމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

އެގޮތުން ދެ ޖިންސު މަޝްހުނިކޮށް ގްރޫޕް ހަދައި އިސްލާމީ މަރުކަޒުގައި ފޮޓޯ ނެގުމަކީ ދީން ކުރިއެރުވުމަށް މި ސަރުކާރުން ކުރާ ކަމެއްތޯ ސުވާލު އުފައްދާފައި ވެ އެވެ. މީގެ އިތުރުން އެއް ފޮޓޯގައި ޑރ. ޝަހީމް ފިޔަވައި ދެން ތިބި މީހުން ފައިވާނާއި ބޫޓު ބާލައިގެން ތިބި އިރު ޑރ. ޝަހީމް ބޫޓު ތުރުކުރައްވައިގެން ހުރުމުންވެސް ބައެއް ފަރާތްތަކުން ފާޑުކިޔާފައި ވެ އެވެ.

ޑރ. ޝަހީމްގެ މި ފޮޓޯތަކަށް ފާޑުކިޔައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝަހީމްގެ ދީނީ ސިޔާސަތުގެ ދަށުން ރާއްޖެއިން ދީން ފޮހެވިގެން ދިޔަނުދިނުމަށް އަންހެނުންނާއި ފިރިހެނުން ގާތްކޮށް މިސްކިތުގައި ސިޔާސީ ހަރަކާތެއް ހިންގައިފި ކަމަށާއި މިއީ ޔާމީން އާއި ޝަހީމަށް ތާއީދުކޮށްގެން ތިއްބެވި ދީނީ އިލްމުވެރިން ބާރަށް އަތް ޖައްސަވަންޖެހޭ ވަރުގެ ކަމެއްކަމުގައި ވިދާޅުވެ މަހްލޫފްގެ އެ ޓްވީޓްގައި ޑރ. އިޔާޒް ޓެގް ކުރައްވާފައިވެއެވެ.

މީގެ އިތުރުން އަނިޔާއިން ސަލާމަތްކޮށްދެއްވުމަށް ދުއާކުރުމުން ޕެޕަރ ސްޕްރޭ ޖެހި އަދަދު ނޭނގޭ ކަމަށާއި އެކަމާ އެތައް ބަޔަކު ހައްޔަރުކޮށް ޖަލަށްލި ކަމަށާއި ޔާމީންގެ ޓީޝާޓް ލައްވައިގެން ޝަހީމް އިސްވެ ހުންނަވައިގެން ސިޔާސީ ހަރަކާތް ހިންގި އިރު ފުލުހުންނަށް ކަމެއް ވީކަންވެސް ނޭނގޭކަމަށް މަހްލޫފް ވިދާޅުވެފައި ވެ އެވެ.

ޑރ. ޝަހީމްގެ މި ފޮޓޯތަކަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްސް ފޭސްބުކާއި ޓްވިޓާގައި ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް