ގދ.ތިނަދުއަށް އެންމެ ބޮޑަށް ޚިދުމަތްކޮށްދެއްވީ ރައީސް ޔާމީން – ޑރ.ޝަހީމް

ގދ ތިނަދޫއަށް އެންމެ ބޮޑު ޚިދުމަތްތަކެއް ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން ކޮށްދެއްވެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމުގައި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ...

16 Aug 2018 | 13:02

ގދ ތިނަދޫއަށް އެންމެ ބޮޑު ޚިދުމަތްތަކެއް ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން ކޮށްދެއްވެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމުގައި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ކެމްޕޭނު ދަތުރުފުޅުގައި ގދ ތިނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް ދިން އިންޓަރވިއުއެއްގައި ޑރ.ޝަހީމް ވިދާޅުވީ ގދ ތިނަދޫއަކީ ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތި ވެފައިވާ ރަށެއް ކަމުގަ އެވެ. އަދި ސިޔާސީ ގޮތުންވެސް ހިތި ތަޖުރިބާ ތަކެއް ކޮށްފައިވާ ރަށެއްކަމަށް ޑރ.ޝަހީމް ވިދާޅުވި އެވެ. އެހެންނަމަވެސް ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން ތިނަދުއަށް ޚާއްސަ އިސްކަމެއްދެއްވައިގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ތިނަދޫގައި ހިންގަވާފައި ވާކަން ޝަހީމް ފާހަގަ ކުރެއްވި އެވެ.

އެކަން ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. މިގޮތުން ގދ.ތިނަދޫގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒަކީ އޭގެ އެއް މިސާލުކަން ފާހަގަކުރައްވާ ޑރ.ޝަހީމް ވިދާޅުވީ އެއީ ރައީސް ޔާމީންގެ އިސްނެންގުވުމުގެ މަތިން ތިނަދޫގައި ގާއިމުކޮށްފައިވާ އިސްލާމީ މަރުކަޒެއްކަމުގައެވެ. " މިރަށުގައި ގާއިމުކޮށް މިހާރު ނިމެމުންދާ އިސްލާމީ މަރުކަޒު ކުރިޔަށް އޮތް މަދުދުވަސްކޮޅުގެ ތެރޭގައި ރަސްމީކޮށް ހުޅުވިގެންދާނެ. މިމަޝްރޫޢަކީ މިއީ އަޅުގަނޑުގެ އިސްލާމިކް މިނިސްޓަރުކަމުގައި އަޅުގަނޑު އިސްތިއުފާ ދިނުމުގެ ކުރީގައި ރައީސް އަބްދުﷲ ޔާމީންގެ އެންގުވުމަކަށް މިރަށުގައި ގާއިމްކުރެވުނު މަޝްރޫއެއް." ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީން އިސްލާމީ މަރުކަޒު ތިނަދޫގައި ގާއިމުކުރުމަށް ނިންމެވީ މާތް މަޤްސަދެއްގައި ކަމަށެވެ.

" އެއީ ހުވަދު އަތޮޅުގެ އެންމެހާ ރައްޔިތުންނަށް އިސްލާމީ ތަޢުލީމާއި އިސްލާމީ ޡަޤާފަތް ފޯރުކޮށްދެއްވުމަށް. މިމަރުކަޒު ގާއިމުކުރެވިފައި މިވަނީ މިސްކިތާއެކު ހޯލާއި ކުލާސްރޫމްތަކާއި ލައިބްރަރީ އާއި މިފަދަ ވަސީލަތްތަކާއެކު . މީ ރާއްޖޭގެ އަތޮޅެއްގައި މިގޮތަށް ގާއިމުކުރެވޭ ފުރަތަމަ މަރުކަޒު ." ޑރ . ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ މިމަރުކަޒުގެ ފައިދާ ދެކުނުގެ ހަތަރު އަތޮޅުގެ ރައްޔިތުންނަށްވެސް ކުރަމުންދާނެކަމަށާއި އެތަން ކުރިޔަށް އޮތްތަނުގައި ފެންނަމުންދާނެ ކަމުގައެވެ. ޑރ.ޝަހީމް ތިނަދޫއަށް މިކުރައްވާ ދަތުރުފުޅުގައި ތިނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދޮރުން ދޮރަށް ހިންގަވާނެއެވެ. ޑރ.ޝަހީމް ތިނަދުއަށް މިވަޑައިގަތީ ފުވައްމުލަކުގައި ފަސް ދުވަހު ކެމްޕޭން ކުރައްވަން އުޅުއްވުމަށް ފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް