ރީރަޖިސްޓްރޭޝަނާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް އަންނަ ހަފްތާގައި ހުޅުވާލާނެ – އީސީ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރި ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ ކުރި ތަންނޫން އެހެން ތަނެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކ...

16 Aug 2018 | 10:01

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރި ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ ކުރި ތަންނޫން އެހެން ތަނެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އަންނަ ހަފްތާތެރޭގައި ހުޅުވާލާނެކަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރ އަދި ސްޕޯކްސް ޕާސަން އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ. " ދުވަސް " އާ ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ރަޖިސްޓްރޭޝަނާ ގުޅުންހުރި ހުރިހާ މައުލޫމާތެއްގެ ތަފްސީލު އަންނަ ހަފްތާތެރޭގައި މީޑިޔާތަކަށް ހާމަކުރައްވާނެކަމުގައެވެ.

" ކޮން ތަންތާކަށް ތޯ ވޯޓުލަނީ، ކޮންތަންތާކު ތޯ އަދަދު ހަމަނުވަނީ. އަދި ރީރަޖިސްޓްރޭޝަން މުއްދަތަށްފަހު ވޯޓު ފޮށި ނުހުންނަ ތަންތަންވެސް ހުންނާނެ އަދަދު ހަމަވާވަރަށް ރަޖިސްޓްރީވެފައި ނެތް، އެހެންވީމާ އެތަންތަނަށް ރަޖިސްޓްރީވެފައިވާ ފަރާތްތައް އެހެން ތަންތަނަށް ރަޖިސްޓަރ ވުމަށްޓަކައިވެސް މިއަންނަ ހަފްތާގައި ހުޅުވާލާނެ. އަދި ލިސްޓުގައި އެމީހަކު އެދިފައިވާ ތަން ނޫން އެހެންތަނެއްގައި ރަޖިސްޓަރ ވެފައިވާނަމަ އެފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށްވެސް މިއަންނަ ހަފްތާގައި ހުޅުވާލާނެ. " އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް ރީރަޖިސްޓްރީ ކުރުމަށް ހުށަހެޅިފައިވަނީ 95،000 ފޯމުކަމަށާއި އެހުރިހާ ފޯމެއް އެންޓާ ކޮށް ނިމިފައިވާކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ. މީގެތެރެއިން ލައްކައަކާ ގާތްކުރާ އަދަދަށް މީހުންވަނީ ރީރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހަޅާފައިކަމަށް އިލެކްޝަން ކޮމިޝަނުން ބުނަމުންދާއިރު އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އެއަދަދަށް ރީރަޖިސްޓްރީ ކުރުމަށް ހުށަހަނާޅާނެކަމުގައެވެ. އަދި އެއަދަދަށް ހުށަހަޅައިފިނަމަ އޭގައި މަކަރުހެދުން އެކުލެވޭކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. މީގެއިތުރުން ވޯޓުލާން ރީރަޖިސްޓްރީ ނުކުރާ ބައެއް މީހުން ވޯޓުލުމަށް އެހެން ތަންތަނަށް ރަޖިސްޓްރީ ވެފައިވާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް