ކުޑަ ދޯންޏެއްގައި ނިކުތް މީހަކު ގެއްލިގެން އޭނާ ހޯދުމަށް ސިފައިން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ނ.ޅޮހިން ފުރައިގެން ދަތުރުކުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު 2:00 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިމާއެކު މި ދޯނި ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށެވެ.
"އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ދޯނީގައި ދަތުރުކުރަމުންދަނީ ނ.ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު ނަމަކަށްކިޔާ މީހެކެވެ. ރޭ 22:30 ހާއިރު ޅޮހިން ފުރި މިދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު 1:30 ހާއިރުއެވެ. އޭރު ދޯނި އޮތީ ނ.މަނަދޫއާއި ނ.ޅޮއްސާއި ދެމެދުގައި ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ." އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ މި ދޯންޏަކީ 15 ފޫޓް ދިގު، ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ، 06 ހޯސްޕަވަރުގެ އައުޓްބޯޑް ސުޒުކީ އިންޖީނެއް އަޅާފައިވާ ދޯންޏެއްކަމަށްވެސް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައި ކަމަށެވެ. އަދި މި ދޯންޏާއި މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވައިގެމަގުން ސީޕްލޭންގެ އެހީގައި ޚާއްސަ އޮޕަރޭޝަނެއް މިހާރު ފަށާފައިވާކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.
މިދޯންޏާއި މިދޯނިން ދަތުރުކުރަމުންދާ މީހާއާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް